ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިޔަސް ބިރުން އެ ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްޗަށް މަކަރާއި ހީލަތުގެ ދައުވާ ކުރަންޖެހޭ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު، އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
މަގާމުގެ ހުވާ ނުކުރާކަމަށް ބުނެފައިވަނީ އީ ސިނގިރޭޓްތަކެއް ގެންގުޅޭ ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހައްޔަރު ކުރި ގދ. ތިނަދޫ މުހައްމަދު ސާޖިދެވެ.
އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މި އަމަލާމެދު ނުރުހުން ފާޅުކުރައްވަމުން ވިދާޅުވީ އޭނާގެ މައްޗަށް އިތުރު ދައުވާއެއް ކުރަން ޖެހޭ ކަމަށާއި، މަކަރާއި ހީލަތްފަދަ ފުލުހުންގެ ގާނޫނުގެ ތެރެއިން އޮތް އަދަބެއް ދޭން ޖެހޭކަމަށެވެ.
މި މައްސަލާގައި މިއަހަރުގެ މެއި މަހު ހަތްވަނަ ދުވަހުން ފެށިގެން ޕޮލިސް ސްޕެޝަލް ކޮންސްޓަބަލްގެ މަގާމުގައި ހުރި ސާޖިދު ތިނަދޫ މެޖިސްރޭޓް ކޯޓުން، ބަންދުން ދޫކޮށްލުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
އެއާއެކު ޝަރީއަތުގައި ވާހަކަދައްކަމުން ސާޖިދުގެ ވަކީލު ވިދާޅުވީ، ސާޖިދަކީ ހުވައެއްގެ މަތީގައި ހުރި ފުލުހެއް ނޫން ކަމަށާއި، ސާޖިދަކީ ޕޮލިސް ޔުނީފޯމް އަޅާ މީހެއް ނޫން ކަމަށާއި ހުވާކުރަން އޮތަސް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.
އެއާއެކު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ހުރިހާ އެންމެން ހުވާ ކުރި ވަގުތު ސާޖިދު ކީއްތޯ ސުވާލު އުފައްދާފަ އެވެ.
"އެ ދުވަހު އަޅުގަނޑު ރަސްމިއްޔާތަށް ގޮސްފައި ކުޑަކޮށް ބިރުގަތީ، އެއީ ﷲ ގަންދީ ކުރަން ޖެހޭ ހުވައެއްވީމާ، އޭގައި އަންނަ ކަންތައްތަކަށް ވިސްނާލީމަ" ސާޖިދު ބުނެފައިވެ އެވެ.
ސާޖިދުގެ މި ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ ސާޖިދަކީ ގާނޫނުގައި ބުނާ ސްޕެޝަލް ކޮންސްޓަބްލަރީގެ ހުވާކޮށްފައިވާ މީހެއް ކަމަށާއި، ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ވަޒީފާގައި އެތައް ދުވަހަކު ހުރެފައި އެތަނަށް ދިޔަ ނަމަވެސް ހުވައެއް ނުކުރަމޭ ބުނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ފަނޑިޔާރުން ބުނެފައިވާއިރު، ދެން އޮންނާނީ ހުކުމް ކުރުމުގެ އަޑުއެހުމެވެ.