ލ. މާވަށުގައި ޖުލައި 28، ގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާ ދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މޫސަގެ މަރުގެ ތަހުގީގަށް ބޭނުންވާ އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.
މޫސަގެ އޮޓޮޕްސީ ހަދަން އާއިލާއިން ވަނީ ދެކޮޅު ހަދާފަ އެވެ. އެހެން ނަމަ ވެސް މޫސަގެ ހަށިގަނޑު އާއިލާއާއި ހަވާލު ނުކޮށް އޮޓޮޕްސީ ހަދަން ފުލުހުން ވަނީ އޭނާގެ ހަޑިގަނޑު އިންޑިއާއަށް ފޮނުވާލާފަ އެވެ.
އާއިލާގެ ކަންބޮޑުވުމަކަށްވީ މޫސަގެ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވަން އޮތް ދުވަސް ލަސްވުމުންނާއި، ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދާތީ އެވެ.
މޫސާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ ހދ. ނޮޅިވަރަމް، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް، 29، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ފުލުހުން ބުނީ މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީ އެއް ކަމަށެވެ.
މި މާރާމާރީ ހިނގީ ޖުލައި މަހުގެ 28 ވަނަ ދުވަހު ހެނދުނު 10:00 ޖަހާކަންހާއިރު އެ ރަށު ވޮލީ ކޯޓް ސަރަހައްދުގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މަޢުލޫމާތު ރިޕޯޓްކުރީ އެ ދުވަހު ހެނދުނުު 10:12 ގައެވެ.
ޒަޚަމް ތަކާ އެކު މޫސަ މަރުކަޒަށް ގެންދިޔައީ 10:22 ހާ އިރުއެވެ. އޭނާ ޒަޚަމްތަކާ އެކު ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޞިއްހީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މޫސާއަށް ދިން ހަމަލާ އަމާޒުވީ އޭނާގެ ކަރަށެވެ. އޭނާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި އެއްލާލާފައި އޮތީ އެރަށުގެ މޫދަށެވެ. އެ ވަޅި ފުލުހުން ވަނީ ހޯދާފަ އެވެ.