ފަހަކަށް އައިސް ބޮލީވުޑްގައި އެޅުވި އެންމެ ކާމިޔާބު އެއް ފިލްމަކަށް މޯހިތު ސޫރީ ޑައިރެކްޓް ކޮށްފައިވާ "ސައްޔާރާ" މިވަނީ ވެފަ އެވެ. މިދިޔަ މަހު ރިލީޒްކުރި އެ ފިލްމު އެޅުވިތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ފިލްމަށް ވަނީ ރެކޯޑް އާމްދަނީއެއް ލިބިފަ އެވެ.
މި ބޮޑު ކާމިޔާބީއާއެކު އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދިޔަ އަހާން ޕާންޑޭއާއި އަނީތު ޕައްޑާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެއާއެކު އެ ދެތަރިންނަށް ވެސް ބޮލީވުޑްގެ ފުރުސަތުތައް އޮހެން ފެށި އެވެ.
އޮތުން މިހާރުވެސް އަނީތު ވަނީ ޔަޝް ރާޖް ފިލްމްސްއާއެކު އިތުރު ތިން ފިލްމަކަށް ސޮއި ކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
މީގެ އިތުރުން އަހާންއަށް ވެސް އެކި ޕްރޮޑިއުސަރުންގެ ހުށައެޅުންތައް ލިބެމުން އަންނައިރު އޭނާ އިތުރު ފިލްމަކަށް ސޮއި ކުރިކަން އެނގިފައެއް ނުވެ އެވެ.
"ސައްޔާރާ"އަކީ އަހާންއާއި އަނީތުގެ ވެސް ފުރަތަމަ ބޮލީވުޑް ފިލްމަށްވާއިރު އެ ފިލްމުގައި ދެތަރިން ދައްކުވައިދިން ހުށައެޅުމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ޖުލައި މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި އެ ފިލްމަށް އިއްޔެއާ ހަމައަށް 500 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. މި އާމްދަނީއަކީ ރަންވީރާއި ދީޕިކާ ފަދަ މަޝްހޫރު ތަރިންގެ ފިލްމުތަކަށް ލިބުނު އާމްދަނީއަށްވުރެ ވެސް ބޮޑު އާމްދަނީ އެކެވެ.