އެމެރިކާގެ ޖައްވާ ބެހޭ އިދާރާ، ނާސާއިން 2030 ވަނަ އަހަރުގެ ކުރިން ހަނދުގައި ނިއުކްލިއާ ރިއެކްޓާއެއް ބިނާކުރަން ނިންމައިފި އެވެ.

ހަނދުގައި އިންސާނުންނަށް ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމަކީ އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަކަށްވާއިރު، ނާސާގެ ވަގުތީ ވެރިޔާ، ޕޮލިޓިކޯ ވިދާޅުވީ ރަޝިއާ އާއި ޗައިނާއިން ވެސް މިފަދައިން ކަންކުރުމަށް ރާވަމުންދާ ކަމަށާއި، އެދެގައުމުން އެކަން ހާސިލްކޮށްފިނަމަ ހަނދުގެ ވަކި ބަޔަކަށް ނުދެވޭ ގޮތް ހަދާފާނެ ކަމަށެވެ.

އެހެންނަމަވެސް ނާސާގެ ބަޖެޓުގެ ބޮޑުބައެއް ކަނޑާލާފައިވާއިރު، އެކަމުގެ ދަތިކަމާ ހުރެ މި މަސައްކަތް ކުރިއަށް ގެންދެވޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ޓްރާންސްޕޯޓް ސެކްރެޓަރީ ޝީން ޑަފީ ވިދާޅުވީ މިކަމުގެ ބޭނުމަކީ ކުރިއަށް އޮތް ތަނުގައި މާސް ގައި ވެސް ހަކަތަ ބޭނުން ކުރަން މަސައްކަތް ކޮށް، އެގައުމުގެ ސެކިއުރިޓީ ޖައްވުގައިވެސް ވަރުގަދަ ކުރުން ކަމަށެވެ. އަދި ޑަފީ ވަނީ އެންމެ ދަށްވެގެން 100 ކިލޯވަޓްސް ގެ ހަކަތަ އުފެއްދޭނެ ރިއެކްޓާ އެއް ބިނާ ކުރެވޭނެ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވެސް ގޮވާލާފަ އެވެ.

ހަނދުގައި ހަކަތަ ދިނުމުގެ ގޮތުން ނިއުކްލިއާ ރިއެކްޓާ އެއް ބިނާ ކުރުމަކީ އާ ހިޔާލަކަށް ނުވާއިރު، މީގެ ކުރިން 2022 ވަނަ އަހަރުވެސް ނާސާއިން ވަނީ މިކަން ކުރުމަށްޓަކައި 3 ކުންފުންޏަކާ އެކު 5 މިލިއަން ޑޮލަރުގެ ކޮންޓްރެޓްތަކެއްގައި ސޮއިކޮށްފަ އެވެ.

އޭގެ ފަހުން މިއަހަރުގެ މޭ މަހު ޗައިނާ އަދި ރަޝިއާއިން ވަނީ 2035 ވަނަ އަހަރުގެ ކުރިން ހަނދުގައި އޮޓޮމޭޓެޑް ނިއުކްލިއާ ޕަވާ ސްޓޭޝަނެއް ގާއިމުކުރަން އަމާޒު ހިފާފައިވާކަން ހާމަކޮށްފަ އެވެ.

ހަނދުގައި ހޭދަކުރާ އެއް ދުވަހަކީ ދުނިޔޭގައި 4 ހަފްތާއާ އެއްވަރުގެ މުއްދަތަކަށް ވާއިރު، އޭގެ ތެރެއިން 2 ހަފްތާ އަކީ ހުސް އަވި ލިބޭ ހަފްތާތަކެވެ. އަދި އަނެއް 2 ހަފްތާ ހޭދަކުރަން ޖެހެނީ އަނދިރި ކަމުގަ އެވެ. އެހެންކަމުން އަބަދު އަވި ނުލިބޭތީ ގިނަ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، ހަނދުގައި ނިއުކްލިއާ ރިއެކްޓާ އެއް ގާއިމުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ލިއްބައިދޭނެ މަގެކެވެ.

.