ފުލުުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމް ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން 7 މީހުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

އަދި ހދ. ނޭކުރެންދޫ / ފްލާވާހައުސް، އައިޝަތު ފައިހާ ތާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުހައްމަދު (28އ) 5 އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.