ދެ ޖިންސުގެ ދެމެދުގައި ވާހަކަދައްކާ މިންވަރު ތަފާތުކަމަށް ފާހަގަވެފައިވޭ. ކުޑަކުދިން ހެދިބޮޑުވުމުގައި ބަސް ދަސްކުރުމަށާއި ބޭނުންވާ ވާހަކަތަކާއި އިހުސާސްތައް ބުނެދޭން ޖެހޭތީ ގިނައިން ވާހަކަދައްކާ. ދެ ޖިންސުގެ ދެމެދުގައި ފާހަގަކުރެވޭ ތަފާތަކީ ފިރިހެނުންނަށް ވުރެ އަންހެނުން ގިނައިން ވާހަކަ ދައްކާކަން. ނަމަވެސް ފަހުގެ ދިރާސާތަކުން ދެޖިންސުގެ ދެމެދުގައި ވާހަކަ ދެއްކުމުގައި މާބޮޑު ފަރަގެއް ނެތްކަމަށް ހޯދިފައިވޭ. އިތުރަށް ހާމަވިގޮތުގައި ދެ ޖިންސުގެ ދެމެދުގައި ގިނައިން ފޯނު ބޭނުންކުރުމުގެ ސަބަބުން ވާހަކަދެކެވޭ މިންވަރު އަހަރަކަށްފަހު އަހަރެއްް ދަނީ ދަށަށް.

އެންމެގިނައިން ވާހަކަދައްކަނީ ކުޑަކުދިންނޭ ބުނެވިދާނެ އެވެ. ބޮޑުވަމުން އަންނައިރު ވާހަކަދެއްކުން ފަރިތަކުރުމަށާއި، ތަފާތު އިހުސާސްތައް ބުނެދިނުމާއި ކަންކަން ދަސްކުރުމަށްޓަކައި ސުވާލުކޮށް ހެދުމުގެ ތެރެއިން އެކުދިން ގިނައިން ވާހަކަދައްކަ އެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ގަބޫލު ކުރެވޭ ގަބޫލުކުރުމެއްވެ އެވެ. އެއީ އަންހެނުން ފިރިހެނުންނަށް ވުރެ ގިނައިން ވާހަކަދައްކާކަމެވެ. ދެޖިންސުގެ ބޮޑެތި މީހުންގެ ވާހަކަ ދެއްކުމާ ދޭތެރޭ ވިސްނާލުމުން މިއީ ތެދުހެން ހީވެ އެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނައިން ވާހަކަ ދައްކާހެން ހީވަނީ ފެންނަ ތަންތާނގައި ގާތް މީހުންނާއި އާއިލާ މީހުންނާއި ދިމާވުމުން ވާހަކަ ދައްކަން ތިބޭތީ އެވެ. އެއާ ޚިލާފަށް ފިރިހެނުން އާއިލާ މީހުންނާ "އޮލަކޮށް" ވާހަކަ ދައްކާ މަންޒަރު ނުފެނުނު ކަމަށް ވިއަސް އެ މީހުން ވެސް އާއިލާ މީހުންނާ އެމީހުން ބޭނުންވާ މިންވަރަށް ވާހަކަދައްކަ އެވެ. ކޮފީތަކުގައި ގާތް ރައްޓެހިންނާއި މަސައްކަތުގެ މާހައުލުގައި ވެސް ގިނައިން ވާހަކަދައްކަ އެވެ.

ހެދިފައިވާ ދިރާސާތަކުން ވެސް ދެޖިންސުގެ މީހުން ވެސް ދުވާލެއްގެ މައްޗަށް ދުލުން ބަސް ބޭނުންކުރަނީ ދާދި އެއްވަރަކަށްކަން ވަނީ ހޯދިފަ އެވެ.

އަންހެނުންނާއި ފިރިހެނުން ވާހަކަދައްކާ މިންވަރު ދާދިއެއްވަރު ކަމަށް ހޯދިފައިވޭ

އެމެރިކާގެ ޓީމަކުންކުރި ދިރާސާއަކުން މިކަމަށް ބާރުދޭ ކަންކަން ފާހަގަކުރެވުނެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ދެޖިންސުގެ މީހުން ވެސް ވާހަކަދައްކަނީ ދާދި އެއްވަރަކަށެވެ. ނަމަވެސް ވާހަކައިގެ ކުޑަމިނާއި ގިނަމިން ތަފާތުވުމުގައި ވާހަކައިގެ ބާވަތާއި އުމުރުފުރާ މުހިންމު ރޯލެއް ކުޅޭކަން ވަނީ އިތުރަށް ދެނެގަނެވިފަ އެވެ. އެގޮތުން 45 އަހަރާއި 65 އަހަރުގެ އަންހެނުން ދައްކާވާހަކަ ކޮންމެވެސް މިންވަރެއް އެ އުމުރުގެ ފިރިހެނުންނަށް ވުރެ ގިނަކަން ފާހަގަ ކުރެވިފައިވެ އެވެ. ނަމަވެސް އެއީ މީހުން ހީކުރާ ވަރަށް ވުރެ ގިނަ މިންވަރެއް ނޫނެވެ. 500 އަންހެނުންނާއި 500 ފިރިހެނުން ބޭނުންކޮށްގެން އިތުރުރަށް ކުރި ދިރާސާއަކުން ދައްކާގޮތުގައި އަންހެނުންގެ އުމުރުގެ ވަކި ހިސާބެއްގައި ފިރިހެނުންނަށް ވުރެ ގިނައިން އެ މީހުން ވާހަކަދައްކަ އެވެ.

ދެޖިންސުގެމީހުންގެ ދެމެދުގައި ފޯނު ބޭނުންކުރާ މިންވަރު ގިނަވެ އަނގައިންް ބަސްބޭ ނުންކުރާ މިނަވަރު ދަށަށް ހިނގައްޖެ

ފުރަތަމަ ދިރާސާ ކުރެވުނުތާ 18 އަހަރު ފަހުން 2021 ގައި އުމުރުން 25 އާއި 64 މީހުން ބޭނުންކޮށްގެން ކުރެވުނު އިތުރު ދިރާސާއެއްގައި ވެސް އަންހެނުންގެ ދުލުން ބޭރުކުރާ ބަސް ފިރިހެނުންނަށް ވުރެ ގިނަކަން ފާހަގަކުރެވުނެވެ. އެގޮތުން އަންހެނުން 21،845 ބަސް ބޭރުކުރިއިރު ފިރިހެނުން ބޭރުކޮށްފައި ވަނީ 18،570 ބަހެވެ.

ތަހުލީލުކުރާ މީހުން ލަފާ ކުރާގޮތުގައި އަންހެނުން މި އުމުރުފުރާގައި ވާހަކަ ދެއްކުން ގިނަވެފައި ވަނީ އެއީ ދަރިން ހޯދާ އުމުރުފުރައި ކަމަށް ވާތީ އެވެ. ދިރާސާގެ ޓީމަށް ހޯދުނު ގޮތުގައި އުމުރުން 25 އަހަރާއި 64 އަހަރާ ދެމެދުގެ އަންހެނުން އެ އުމުރުގެ ފިރިހެނުންނަށް ވުރެ 3،000 ބަސް އިތުރަށް ބޭނުންކުރެ އެވެ.

އުމުރުން 25 އަހަރާއި 64 އަހަރާއި ދެމެދުގެ އަންހެނުން އެއުމުރުގެ ފިރިހެނުންނަށް ވުރެ 3000ބަސް އިތުރަށް ބޭނުން ކުރެއެވެ
ދިރާސާ

ފިރިހެނުންގެ ތެރޭގައި ވެސް ވާހަކަދެއްކުމުގައި ތަފާތެއް ފާހަގަކުރެވުނެވެ. އެންމެ ގިނައިން ވާހަކަދައްކާ ފިރިހެނާ ދުވާލަކު 120،000 ބަސް ދުލުން ބޭރުކުރާއިރު އެންމެ މަދުން ވާހަކަދައްކާ ފިރިހެނާ ދުވާލެއްގެ މައްޗަށް މަދުވެގެން 100 ބަސްނުނާ ކަމަށް މި ދިރާސާއިން ދެއްކި އެވެ. މީގެން ދައްކައި ދެނީ ކޮންމެ ދެ މީހަކު ވެސް ވާހަކަ ދެއްކުމުގައި ތަފާތުކަމެވެ.

2005 އާއި 2018 އާ ދެމެދު ކުރެވުނު ދިރާސާއަކުން ފާހަގަވި ވަރަށް މުހިންމު ކަމެއް ވެސް ވެ އެވެ. އެއީ އެއް އަހަރަށް ވުރެ އަނެއް އަހަރު މީހުން ވާހަކަދައްކާ މިންވަރު މަދުވަމުންދާ ކަމެވެ. އެގޮތުން ކޮންމެ އަހަރަކު ކުރީ އަހަރަށް ވުރެ 300 ބަސް މަދުވެ އެވެ. ސަބަބެއް ކަމުގައި ވަނީ ފޯނު ބޭނުން ކުރުން ގިނަވުމެވެ.