ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދޭނަމަ މި ހާލުގައި މީހުން އުޅޭކަށް ނުޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުގައި ހިނގާ ނުރަނގަޅު ކަންކަން ޒިންމާދާރުކުރުވަން ނިޒާމުގެ ތެރެއިން ކަންކަން ރޭވިފައި އެބަހުރި ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ މިފަދަ ތަނެއް ކަމަށެވެ. އަދި އޭސީސީއަށް އެހީތެރިކަން ދޭން އޮންނަ މުއައްސަސާއަކީ އޮޑިޓަރު ޖެނެރަލްގެ އޮފީސް ކަމަށް ޔާމީން ވިދާޅުވި އެވެ.

މި ސަރުކާރަށް ދެ އަހަރު ވާއިރު އޮޑިޓަރު ޖެނެރަލްގެ އޮފީހުން ދައުލަތުގެ ބޮޑެތި މުއައްސަސާތަކާއި އިދާރާތައް އޮޑިޓް ކުރެވެން ޖެހޭނެ ކަމަށާއި، ނޫނީ ވަކި ދުވަސްވަރެއްގައި ގޯސްކޮށް ހިނގާފައި ހުރި ކަންތައް ބެލެން ވާނެ ކަން ފާހަގަކޮށް ރައީސް ޔާމީން ވަނީ އެއީ "ޕެރެލައިޒް" ވެފައިވާ ތަނެއް ކަމަށް ވިދާޅުވެ އެކަމުގެ ނުރުހުން ފާޅުކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހަކީ އޭސީސީއާއި އޮޑިޓަރު ޖެނެރަލްގެ އޮފީސް ޖަވާބުދާރީކުރުވަން އޮންނަ ދައުލަތުގެ ބާރު ނަމަވެސް ރައީސް މުހައްމަދު މުއިއްޒު މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، ހުރިހާ ކަމެއް ވަށާޖެހޭއިރު ފައިދާ ވެސް ގެއްލުން ވެސް ވާނީ ރައީސް މުއިއްޒަށް ކަމަށެވެ.

ޔާމީން ވިދާޅުވީ، އެއްވެސް ސަރުކާރަކުން ގެއްލުނު ފައިސާ ހޯދަން މަސައްކަތްކޮށްފައިނުވާ ކަމަށެވެ.

މިގޮތުން އެމްއެމްޕީއާރުސީގެ މައްސަލައިގައި އެއްވެސް މުއައްސަސާއަކުން ފައިސާ ހޯދަން މަސައްކަތްކޮށްފައިނުވާއިރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ވެސް ގެއްލުނު ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި، އަމުދުން މި ސަރުކާރުން އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ކޮރަޕްޝަންގެ ވާހަކައަކީ އަޅުގަނޑުމެން ހަމަ، އިޓްސް އަ މައުތްފުލް. އަނގަފުރާ ބުނާ ވާހަކައެއް، މިއަކު އެ ވާހަކަ ދައްކާ ސަރުކާރުގެ ލީޑަރެއް ސަރުކާރުގެ ސިޔާސީ ލީޑަރެއް ސަރުކާރުގެ ވެރިއެއްގެ އެއްވެސް ކަހަލަ ސިންސިއާ އިންޓެންޝަނެއް ނޯވޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން ރައީސް ޔާމީން ވަނީ ރައްޔިތުންނަށް އުނދަގޫވަނީ ކޮރަޕްޝަންގެ މައްސަަތަކުގައި ދައުލަތުން ފައިސާ ގެއްލިގެން އެކަނި ނޫން ކަމަށާއި ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ހޯދައިފިކަމަށްވާނަމަ މިއަދު މި އުޅޭ ހާލުގައި މީހުން އުޅޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.