ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުން އަންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ ހަ މަސް ތެރޭގައި އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.

އެ ބޭންކުން ނެރުނު ބަޔާނުގައި ބުނީ، އެއީ 2024 ވަނަ އަހަރުގެ އެ މުއްދަތަށް ވުރެ 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ބީއެމްއެލަށް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 24 ޕަސެންޓުގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 790 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 232 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

ބީއެމްއެލް އިން ބުނީ، ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ދޫކުރި ލޯނުގެ އަދަދު 21.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާ އެކު، ބީއެމްއެލްގެ ޖުމްލަ އެސެޓުގެ އަދަދު ވެސް 51 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބުންޏެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބީއެމްއެލުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކުރި އެވެ.

އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލްގެ މާލީ ނަތީޖާއިން ދައްކުވާ ދެނީ އެ ކުންފުނީގެ މާލީ ސްޓްރެޓެޖީގެ ހަރުދަނާ ކަން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ދެވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ހޯދައިފިއެވެ. މި މުއްދަތުގައި ސާފު ފައިދާގެ ގޮތުގައި ބޭންކަށް ވަނީ 558 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %24 ގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅައިބަލާއިރު %12 ގެ ކުރިއެރުމެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %6 ގެ ކުރިއެރުމެކެވެ.
ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.

ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ވީހާ ވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލަށް މިދިޔަ އަހަރު ވަނީ 2.25 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.

ދެވަނަ ކުއާޓަރ ނިމުނުއިރު ބޭންކުން ޖުމްލަ ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ 21.3 ބިލިއަން ރުފިޔާއެވެ. އަދި 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާއެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލުން ވަނީ މިދިޔަ ކުއާޓަރުގައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހައިފަ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވެސް މި ކުއާޓަރުގައި އިތުރަށް ފުޅާކޮށްފައި ވެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައަކާއި، ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 188 އޭޓީއެމް، އެޖެންޓް ބޭންކިންގ ޚިދުމަތްތަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން ފުރިހަމަ ޑިޖިޓަލް ޚިދުމަތްތެއް ފޯރުކޮށްދެއެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.
ބީއެމްއެލް

އެގޮތުން ށ. ނ. އަދި މ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާއިރު ކ. ހުރާގައި އޭޓީއެމެއް ވަނީ ބަހައްޓައިގަ އެވެ. އެއާ އެކު، ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފަ އެވެ.

ބީއެމްއެލުން ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް އަންނަނީ ދެމުންނެވެ.