ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި ފަސް ދުވަސް ވަންދެން ދެކުނަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށެވެ. އޭގެ ތެރެއިން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެން ދާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބުރާސްފަތި ދުވަހުން ފެށިގެން ކެރީގެ އަސަރު ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.

ހަމަ އެއާއެކު މެޓުން ލަފާކުރާ ގޮތުގައި އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހުން ފެށިގެންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް، ދެކުނުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. އުތުރުގެ ރަށްތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސްވެ، ވިއްސާރަ ދުވަސް ވަރު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.