ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅުވައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިދިކޮޅު ޕާޓީ، އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަން ހާމަވެއްޖެ އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރަން ބާއްވަ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ. އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހު އެވެ.

ބޮޑުވަޒީރުގެ ދަތުރުގައި ރާއްޖޭގެ އިދިކޮޅު ލީޑަރުންނާ ބައްދަލު ކުރައްވާނެތޯ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން، ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވީ، މޯދީގެ ދަތުރުގައި ބައްދަލު ކުރައްވާނެ ބޭފުޅުން ހަމަޖައްސަމުން އަންނަ ކަމަށެވެ.

'ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މޯދީގެ އެ ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފަ އެވެ. އެ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މޯދީ އާއި ބައްދަލުކުރައްވަން އެދިވަޑައިގެންފަ އެވެ. އެގޮތުން މޯދީގެ ދަތުރުގައި އެމްޑީޕީ އާއި ކުރީގެ ރައީސް ނަޝީދު އާއި ކުރީގެ ރައީސް ސޯލިހުއާ ވަކިވަކިން ބައްދަލު ކުރައްވާނެ އެވެ.

މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ ވެގެންދާނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ހެޑް އޮފް ސްޓޭޓްއަށެވެ.

އޭގެ އިތުރުން، މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފަވާ މިންވަރާ ގުޅޭ ގޮތުން މޯދީ އާއި ރައީސް މުހައްމަދު މުއިއްޒުއާ ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެ އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިންނެވެ. އަދި، އޭގެ ފަހުން މި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދުވަހަކު ގޯސްނުވާ މިންވަރަށް ދެ ގައުމުގެ ގުޅުން ގޯސްވި އެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ނަން ވިދާޅުނުވެ، އިންޑިއާއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން، ރާއްޖެ ކުޑަވުމަކީ ބޮޑު ގައުމަކުން ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޫބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް އިންޑިއާއަށް ކުރައްވައިފަ އެވެ.