ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން، ނ. ވިހަފަރު ފަޅުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ވައުދު ރައީސް މުހައްމަދު މުއިއްޒު އާކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ނ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުގައި އަންގާރަ ދުވަހުގެ ރޭ ހޮޅުދޫ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

ހޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް މި އަންނަ އަހަރުގެ ކުރީކޮޅުގައި ފެށުމަަށް ނިންމާފައިވާކަން، އިއުލާނުކުރައްވާ ކަމަށެވެ.

ވިހަފަރުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންއިރުގައި އެ ތަނުގައި އެއާޕޯޓެއް އެޅުމުގެ ވައުދު މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ނިމިދިއަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގަ އެވެ.

އެ އެއާޕޯޓުގެ ސަބަބުން ވެލިދޫ، ހޮޅުދޫ، ފޮއްދޫ އަދި މުޅި އެ ސަރަހައްދާއި އަތޮޅަށް ފައިދާ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުން އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްރަށާއި ފަޅުތަކުގެ ތެރޭގައި ވިހަފަރު ހިމަނައި، 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިއުލާނު ކުރެއްވި އެވެ. ނަމަވެސް މި ސަރުކާރުގައި މި ވޭތުވެދިޔަ މުއްދަތުގައި އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ 30 މިނެޓުން ދަތުރު ކުރެވޭ ދުރުމިނުގައި އެއާޕޯޓުތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވެސް ސިޔާސަތެއް ކަމަށެވެ.

ނ. އަތޮޅުގެ ދަތުރުގައި ރައީސް މުއިއްޒު ގެންދަވަނީ ގިނަ ވައުދުތަކެއް ވަމުންނެވެ. އެ ރަށްތަކަށް ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެވަޑައިގަތް ވައުދުތައް ނުފުއްދާތީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އައްބާސް ވިދާޅުވީ ވިހަފަރު އެއާޕޯޓަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބަށް ޖަހާ ކަޑައެއް ކަމަށެވެ.