ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތްތަކަށް ކަނޑައަޅާފައިވާ ކޮމާޝަލް ރޭޓުތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަަރަންޓާއި ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ސާފުކުރަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ބުދަ ދުވަހުގެ މަޖިލީހުގައި މި ގަރާރު ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.

ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ޔުޓިލިޓީ ކުންފުނިތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ކަނޑައަޅާފައި ހުރި އަގުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ހާމަވާ ކަމަށެވެ. މީގެ ސަބަބުން އެ ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓަށް ކުރާ ހޭދަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.

ޝަމްހީދުގެ ގަރާރުގައި ފާހަގަކުރި ގޮތުގައި، ޔުޓިލިޓީ ހިދުމަތްތައް ފޮރުކޮށްދިނުމުގައި މާލެ އާއި އަތޮޅުތެރޭގައި ހުރި ފަރަގުތަކުގެ ތެރޭގައި:

  • ފެނުގެ ހިދުމަތް މާލޭގައި ގުޅައިދެނީ 3187.84ރ. އަށް އަތޮޅުތެރޭގައި 5000ރ. އަށް - 57 ޕަސެންޓު ބޮޑު
  • ފެން މީޓަރެއް މާލޭގައި ރީލޮކޭޓު ކޮށްދެނީ 850ރ. އަށް، އަތޮޅުތެރޭގައި 2،200ރ. އަށް - 159 ޕަސެންޓު ބޮޑު
  • ދުވާލެއްގެ މައްޗަށް 201 ލީޓަރަށް ވުރެން މަތިން ފެން ބޭނުންކޮށްފި ނަމަ މާލޭގައި ނަގަނީ 101.26ރ.، އަތޮޅުތެރޭގައި 135ރ. - 34 ޕަސެންޓު ބޮޑު
  • ކަރަންޓު ބޭނުންކުރޭ މިންވަރު 301-500 އާއި ހަމައަށް މާލޭގައި ނަގަނީ ޔުނިޓަކަަށް 3.65ރ.، އަތޮޅުތެރޭގައި 6ރ. - 64 ޕަސެންޓު ބޮޑު

މާލެއާއި ރަށްފުށުގައި ނަގާ އަގުތަކުގައި ބޮޑު ފަރަގެއް ހުރުމާއި އެކު، މިކަމާއި ގުޅިގެން، ގެސްޓު ހައުސް ފަދަ އިގުތިސޯދަށް މުހިންމު ސިނާއަތުން، ކަރަންޓަށް ކުރަން ޖެހޭ ހޭދަ 40 ޕަސެންޓާއި 70 ޕަސެންޓާއި ދެމެދުގެ އަދަދަކުން އިތުރުވެ، ފެނުގެ ހިދުމަތަށް ކުރަން ޖެހޭ ހަރަދު 35 އިންސައްތަ އިތުރުވެފައިވާ ކަމަށް ޝަމްހީދު ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި މި އަގުތައް ކަނޑައަޅާފައި ވުމުން މިކަމުގެ ސަބަބުން ރަށްފުށާއި މުޅި ދިވެހި އިގުތިސޯދަށް ވެސް މުހިންމު ގެސްޓުހައުސް ވިޔަފާރިތައް ހިންގުމުގެ ހަރަދު ބޮޑުވެ، މި އަގުތައް އެއްހަމަ ކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި މި އަގުތައް ކަނޑައަޅާފައި ހުރީ ގާނޫނު އަސާސީގައި ބުނާ ތަފާތުނުކުރުމުގެ ހައްގާ ތައާރުޒު ނުވާނެ ގޮތަކަށެވެ.