ރައީސް މުހައްމަދު މުއިއްޒު ނ. ހޮޅުދޫއަށް އިއްޔެ ވަޑައިގަތުމާއެކު، ރަށުން އުފާވެރިކަމުގެ މަރުހަބާއެއް ކިޔުމުގެ ބަދަލު މުޅި ރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިއައީ ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުމުގެ ޝުއޫރުތަކެވެ.

ހޮޅުދޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރާ މެދު އޮތް ކަންބޮޑުވުމެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ފުލުހުންގެ ތަހުގީގަށް ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، އޭނާގެ ހަށިގަނޑު ވަޅުލާފައި ވަނީ ސެޕްޓެންބަރު 12، 2024 ގަ އެވެ.

ޒަކިއްޔާ މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައި ވަނީ ކަރަށް ލިބިފައިވާ ޒަޚަމްތަކެއްގެ ސަބަބުން ކަމުގައި މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ޒަކިއްޔާގެ މަރާއި ގުޅިގެން ހޮޅުދޫ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ މީހުން ބުނެ އެވެ. އެގޮތުން ޒަކިއްޔާ މަރުގެ މައްސަލާގައި ފުލުހުން ދޮގު ހަދަމުންދާ ކަމަށް ބުނެ، ސިލްސިލާ މުޒާހަރާތަކެއް އެ ރަށުގެ ރައްޔިތުން ކޮށްފައިވެ އެވެ.

ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ހޮޅުދޫ ޕޮލިސް ސްޓޭޝަން ކައިރިން އެއްވެ މުޒާހަރާތައް ކުރަމުން ދިޔަ ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހުސާން ޒަކިއްޔާގެ މަރާ ގުޅުވައި ބޮޑެތި ދޮގުތަކެއް ހަދާފައިވާ ކަމަށް އެ ރަށުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ހޮޅުދޫ ރައްޔިތުން ބުނާގޮތުގައި ޒަކިއްޔާ މަރުވެފައި ވަނީ އަމިއްލައަކަށް ނޫނެވެ. ބަޔަކު ގަސްތުގައި ޒަކިއްޔާ މަރާލީ އެވެ.

ރައީސް މުއިއްޒު ހޮޅުދޫއަށް ވަޑައިގަތުމުން ވެސް ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ މިކަމުގެ ރުޅިވެރިކަމެވެ. ރައްޔިތުންގެ ޝުއޫރުތައް ރައީސަށް ބަންޑުން ކޮށްލީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކުންނެވެ. ރަށުގެ ރައްޔިތުން ފަސްޖެހުމެއް ނެތި ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ރައީސް މުއިއްޒުގެ ކުރިމައްޗަށް އެރި އެވެ.

"ޒަކިއްޔާގެ މަރަށް އިންސާފުގެ ތަހުގީގެއް ކޮށްބަލަ. ގާނޫނީ ހަމަހަމަކަން ގާއިމް ކުރޭ. މިނިސްޓަރ އިހުސާން ހެދީ ހުސް ދޮގު. ޒަކިއްޔާގެ ގާތިލުހުން ހޯދައިދީ. 300 ދުވަސްވީއިރު ގާތިލުން މިނިވަން ކަމާއި އެކު."
ހޮޅުދޫ ރައްޔިތުންގެ ޝުއޫރުތައް

ރައީސް ވިދާޅުވެފައި ވަނީ ޒަކިއްޔާ މޫސާ މަނިކުގެ މަރާ ގުޅިގެން އެ އާއިލާއާ ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިން ކަމަށެވެ.

އަންގާރަ ދުވަހު ހަވީރު ރައީސް ވަޑައިގެންނެވި ވަގުތާ ދިމާކޮށް އެ ރަށުގައި ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ކުރި ހިމޭން އިހުތިޖާޖެއް ކުރިއިރު، ރައީސް ވަނީ އެ މީހުން ތިބި ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެ މީހުންނާ ބައްދަލުކުރެއްވި އެވެ. އެ މީހުންގެ ހުރިހާ ޝަކުވާތަކެއް ރައީސް އަޑުއެއްްސެވި އެވެ.

ރައީސް ވިދާޅުވީ އެކަން ފަސޭހަ ކޮށް ނުނަަންގަވާނެ ކަމަށާއި ޒަކިއްޔާގެ މަރުގެ މައްސަލަ ވަރަށް ގާތުން ބައްލަވާނެކަމުގެ ޔަގީންކަން ހޮޅުދޫގެ ރައްޔިތުންނަށް ދެއްވި އެވެ. އެހެން ނަމަވެސް ހޮޅުދޫ ރައްޔިތުންގެ ބަހަކަށް ވެފައި ވަނީ ރައީސް ވިދާޅުވި ބަސްފުޅު ވެސް ގަބޫލު ކުރާނީ އަމަލީ ގޮތުން ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ރަސްމީކޮށް މަސައްކަތް ފެށުމުން ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޒަކިއްޔާ މަރުވި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ، އާންމު ރައްޔިތުން ފުލުހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އަދި ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާ އެއީ ބަޔަކު މީހަކު ކުރި ކަމެއް ކަމަށް އާއިލާގެ ގިނަ މީހުންނާއި އެ ރަށުގެ ގިނަ ބަޔަކު ދެކެ އެވެ.