އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 ޕަސެންޓަށް ބޮޑުކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އެމްއެމްއޭން ބުނީ މި ހަފްތާއިން ފެށިގެން މި ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ބަދަލާ އެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރު 40 ޕަސެންޓަށް އިތުރުކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 ޕަސެންޓް އިން 90 ޕަސެންޓަށް ވަނީ މަތިކޮށްފަ އެވެ. ނަމަވެސް އެމްއެމްއޭއިން ބުނިގޮތުގައި، ބޭންކުތަކުން އިތުރަށް މާރުކުރާ މި 30 ޕަސެންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށް ވުރެ، ހަރުދަނާ އަދި އިކުއިޓަބަލް ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބޭންކުތަކަށް އަނބުރާ ދެވޭ 30 ޕަސެންޓް ބޭނުންކުރަނީ ވަކި ކަންކަމެއްގަ އެވެ. އެގޮތުން، އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންތަކަށް ހޭދަކުރެވެ އެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެ އެވެ.

ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާއެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 ޕަސެންޓްގަ އެވެ.

އެމްއެމްއޭން ބުނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުމަކީ އަމާޒެއް ކަމަށެވެ.