އއ. މާޅޮހުގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިއަދު ކަމަށެވެ.
ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާޅޮހުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ތަހުގީގުގައި މިހާތަނަށް އެ ރަށުގެ ގިނަ ބަޔަކާ ސުވާލުކޮށްފައިވެ އެވެ. ނަމަވެސް ތުހުމަތު ކުރެވޭ މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
އެ މައްސަލައިގެ ތަހުގީގަށް އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ހިފެއްޓުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.
އޭނާ މާރާލީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ. ގޭގެ އެހެން ކޮޓަރިއެއްގައި ހުރި އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އަބްދުއްރަހްމާން އޮތް ކޮޓަރިއަށް ވަނީ އޭނާ މަރަށް ތެޅޭ އަޑު އިވުވިގެނެވެ. އޭނާ މަރުވީ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެކި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކި ވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
"މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.