ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފްލެޓް ހަވާލުކުރުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަދާފައިވާ އުސޫލްތައް ހުރިގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ފަހި ޔޫނިއަން ޖަމިއްޔާއިން ބުނެފި އެވެ.
ފަހި ޔޫނިއަން ޖަމިއްޔާއިން ކަންބޮޑުވުންފާޅުކޮށް ނެރުނު ބަޔާނުގައި ފްލެޓްތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި އަދި އެނޫންވެސް ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެފްޑީސީގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ މައުލޫމާތު އާއްމުކޮށްފަ އެވެ.
މި ބަޔާނުގައި ފަހިޔޫނިއަނުން ވަނީ ފްލެޓްތައް ދޫކުރާއިރު މިލްކްކުރެވޭ ގޮތަށް އޮންނަ އުސޫލާއި، ތަޅުދަނޑި ހަވާލުކުރުމާއި، އަދި ޖޫރިމަނާކުރުމުގައި އަމަލުކުރަން ނިންމާފައިވާ އުސޫލާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުން 25 އަހަރަށް ހެދުމަށް ނިންމާފައިވާއިރު، ފްލެޓްތައް މިލްކްކުރެވޭނީ އެ މުއްދަތުގައި ދެއްކުމަށް އޮންނަ ފައިސާ ދައްކައި ހަލާސްކުރުމުން ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. މިކަމާ ގުޅޭގޮތުން ފަހި ޔޫނިއަނުން ބުނެފައި ވަނީ ހިޔާ ފްލެޓްތައް ދޫކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން މިލްކުވާ ގޮތަށް ކަމަށާއި، އެ މަޝްރޫޢުގައި ޑައުންޕޭމަންޓް ދައްކަން ނުޖެހި ތަޅުދަނޑި ވެސް ހަވާލުކުރި ކަމަށެވެ.
ފަހި ޔޫނިއަނުން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރި އެއްކަމަކީ ކަނޑައެޅިފައިވާ ތާރީހަށް މަހު ކުލި ނުދައްކައިފި ނަމަ ކުރާ ޖޫރިމަނާ އެވެ. އެ ޖަމިއްޔާއިން ވަނީ މަހުގެ 10 އެއްގެ ކުރިން ކުލި ނުދައްކައިފި ނަމަ ކުރާ ޖޫރިމަނާ ބޮޑުކަން ފާހަގަކޮށްފަ އެވެ.
އެގޮތުން 7,000 ރުފިޔާ ދައްކަންޖެހޭ ފަރާތްތަކުން، ޖޫރިމަނާގެ ގޮތުގައި 15،000 ރުފިޔާ، އަދި 9،000 ރުފިޔާ ދައްކަން ޖެހޭ އެޕާޓްމަންޓްތަކުން ޖޫރިމަނާގެ ގޮތުގައި 25،000 ރުފިޔާގެ އަދަދެއް ދައްކަންޖެހޭކަން އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފަހި ޔޫނިއަނުގެ ބަޔާނުގައި ބުނެފައިވަނީ މިކަންކަމަކީ އެ ފްލެޓްތައް ދޫކުރާނެ ކަމަށް ސަރުކާރުން ގެންގުޅުނު އުސޫލްތަކާ ހިލާފުކަމެއް ކަމަށާއި، ހިޔާ އަދި ވިނަރެސް ފްލެޓަށް ލުއިދިން ބީދައިން 4،000 ޔުނިޓްތައް ލިބޭ ފަރާތްތަކަށް ވެސް ލުއިތައް ދޭން ޖެހޭނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓްތައް ދޫކުރުމުގެ އުސޫލްތަކާ ގުޅިގެން ފަހި ޔޫނިއަން ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނު ނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި މިކަމާ ގުޅޭގޮތުން ވަކި އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
ސޯޝަލް ހައުސިން ޔުނިޓްތަކަށް ކުލި ނުދެއްކާ މައްސަލަ ބޮޑުވެފައި ވާއިރު، މިކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް ވަނީ ހާމަކޮށްފަ އެވެ. އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ހިޔާ މަޝްރޫއު އެކަނިން ވެސް ކުލީގެ ގޮތުގައި އެޗްޑީސީއަށް ނުދައްކާ 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބައޮތެވެ.
މީގެ އިތުރުން ހުޅުމާލޭ ފޭސް އެކެއްގައި ހުރި ފްލެޓްތަކުން ވެސް އެޗްޑީސީއަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތެވެ.
އެޗްޑީސީގެ ފްލެޓްތަކަށް ކުލި ނުދައްކާ މައްސަލަ ބޮޑުވެފައިވާއިރު، ފްލެޓްތަކަށް ކަސްޓަމަރުން ކުލި ދައްކަމުންދާ ގޮތުގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ޔުނިޓާ ހިއްސާކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ.