މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޮންޑެޑް ވެއާހައުސްތަކުގައި ކޮންޓެއިނަރު ބެހެއްޓުމަށް ނަގާ އަގުތައް ދެ ގުނަ ބޮޑުކުރަން ނިންމައި އެކަން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.

ބޮންޑެޑް ވެއާހައުސްތަކުގައި ކޮންޓެއިނަރު ބެހެއްޓުމަށް ނަގާ އަގުތައް ބޮޑުކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން ބޮންޑެޑް ވެއާހައުސްގައި 20 ފޫޓުގެ ކޮންޓެއިނަރެއް އެއް މަސްދުވަހަށް ބެހެއްޓުމަށް ނަގަމުންދިޔައީ 442 ޑޮލަރެވެ. އަދި، 40 ފޫޓުގެ ކޮންޓެއިނަރެއް ބެހެއްޓުމަށް ނަގަމުންދިޔައީ 884 ޑޮލަރެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒުގެ މި ސަރުކާރު އައިފަހުން މިދިއަ އަހަރުގެ ޖުލައި ގައި އެ އަދަދުތައް 550 ޑޮލަރަށް އަދި 1،100 ޑޮލަރަށް ބޮޑުކުރި އެވެ. އަދި އެ އަދަދުތައް މިހާރު ވަނީ ދެ ވަނަ ފަހަރަށް ބޮޑުކޮށްފަ އެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖީއެސްޓީ ހިމަނައިގެން 20 ފޫޓޫގެ ކޮންޓެއިނަރަކަށް މަހެއްގެ މައްޗަށް މިހާރު 1،134 ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި އަދި، 40 ފޫޓުގެ ކޮންޓެއިނަރަކަށް މިހާރު 2،268 ޑޮލަރު މަހެއްގެ މައްޗަށް ދައްކަން ޖެހޭނެ ކަމަށެވެ.

މި އަދަދުތަކަށް ބަލާއިރު އެމްޕީއެލްގެ ބޮންޑެޑް ވެއާހައުސްތަކުގައި މުދާ ބެހެއްޓުމުގެ އަގު 2023 އިން ފެށިގެން 2025 އާ ހަމައަށް ވަނީ 137 ޕަސެންޓު އުފުލިފަ އެވެ.

ހުޅުމާލޭގައި ހުންނަ ބޮންޑެޑް ވެއާހުސް ތަކުގެ ފީތަކަށް ގެނައި ބަދަލުތަކަށް ވެސް އަމަލުކުރަން ފަށާނީ އޮގަސްޓު 15، އިން ފެށިގެންނެވެ.

ވިޔަފާރިވެރިން ބުނާ ގޮތުގައި ބޮންޑެޑް ވެއާހައުސްގައި ކޮންޓެއިނަރު ބެހެއްޓުމުގެ އަގުތައް ބޮޑުކުރުމަކީ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމަށް މެދުވެރިވާނެ ސަބަބެކެވެ. އަދި ސަރުކާރުން އަގުތަކަށް ގެނައި މި ބަދަލުތަކާއި އެކު ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ތަކެތީގެ އަގުތައް ވެސް އިންތިހާއަށް މައްޗަށް ދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

ޑޮލަރުގެ އަގާއި އެކު ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުން އަންނައިރު، މިވަގުތު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 20ރ. އަށް ބޮޑުކޮށެވެ.