ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން މިއަދުވެސް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މޫސުން ގޯސްވުމާ ގުޅިގެން އެއިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 15:30 އަށް ހުދު ސަމާލު ނެރެފަ އެވެ.
އެ އިދާރާއިން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މީގެ އިތުރުންވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުވެސް ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް އެއިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.