ބޮލީވުޑްގެ ސުޕާސްޓާ ޝާހުރުކް ހާންގެ ފިލްމް "ކިންގް" ގެ ޝޫޓިންގެ ތެރެއިން އޭނާއަށް އަނިޔާވެއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޝާހުގެ މަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. އަދި އިތުރުފަރުވާއަށް އެމެރިކާއަށް ދިއުމަށްފަހު، ޝާހު މިހާރު ގެންދަނީ އިނގިރޭސިވިލާތުގައި ރެސްޓް ކުރަމުންކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އޭނާގެ އާއިލާއިން މިކަމާއި ގުޅޭ ގޮތުން މިހާތަނަށް ރަސްމީބަހެއް ބުނެފައިނުވާއިރު، ޝާހުއަށް އަނިޔާވުމާއި ގުޅިގެން އެ ދާއިރާގެ މީހުން ދަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ. އެގޮތުން ޗީފް މިނިސްޓަރު މަމަތާ ބަނެރުޖީ ވަނީ ޝާހުއަށް އަނިޔާވުމުން އެކްސްގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑަންކީއަށްފަހު އަންނަދު ޑައިރެކްޓްކުރާ ކިންގް އަކީ ޝާހުގެ އަންހެން ދަރި ސުހާނާ ހާން ފުރަތަމަ ފަހަރަށް ބޮލީވުޑަށް ތައާރަފްކުރާ ފިލްމެވެ. ޝާހުއަށް އަނިޔާވުމާއި ގުޅިގެން ފިލްމުގެ ޖުލައި އަދި އޮގަސްޓްގެ ޝެޑިއުލް މަސައްކަތްތައް ފަސްކޮށްފައިވާއިރު، ފިލްމުގެ މަސައްކަތް ދެން ފެށޭނެކަމަށް ބެލެވެނީ ސެޕްޓެމްބަރު މަހު އެވެ. ފިލްމު ރިލީޒްކުރާ ތާރީހް އަދި ކަނޑައަޅާފައިނު ވެއެވެ.
ޝާހުއާއި ދަރީގެ އިތުރުން މި ފިލްމުގައި ދިޕިކާ ޕަދުކޮން، އަބީޝޭކް ބަޗަން، ޖައިދީޕް އަހްލަވަތު، ޖެކީ ޝްރޮފް އަދި އަނިލް ކަޕޫރު ފެނިގެންދާނެ އެވެ.