އެމެރިކާގެ ބޮޑު ޓެކް ކުންފުންޏެއް ކަމަށްވާ އެސްޓްރޮނޮމާ ގެ ސީއީއޯ، އޭންޑީ ބައިރަން ގެ ސިއްރު ލޯބީގެ ގުޅުން މަޝްހޫރު ބޭންޑް، ކޯލްޑް ޕްލޭއިން ޖިލެޓް ސްޓޭޑިއަމްގައި ބޭއްވި ކޮންސާޓެއްގައި ފަޅާ އަރައިފި އެވެ.

އެ ކުންފުނީގެ ހިއުމަން ރިސޯސް ގެ ވެރިޔާ ކްރިސްޓިން ކަބޮޓް އާ ގައިގޯޅިވެގެން ހުއްޓާ ފެނިފައިވަނީ ކޯލްޑްޕްލޭ ގެ ކޮންސާޓްތަކުގައި ދައްކާ ޖަންބޮޓްރޮން ސްކްރީނުންނެވެ.

ކޯލްޑްޕްލޭއިން އެ ބޭންޑުގެ "ދި ޖަމްބޮޓްރޮން ސޯންގް" ކުޅެމުން ދިޔަ ވަގުތު ކެމެރާ އެ ދެމީހުންނަށް އަމާޒުވުމާއެކު ދެމީހުން ވަނީ އެމީހުންގެ މޫނު ފޮރުވަން މަސައްކަތްކޮށްފަ އެވެ. އަދި ސީއީއޯ ވަގުތުން ތިރިވާ މަންޒަރުވެސް އެ ކެމެރާއަށް އަރަ އެވެ. އަންހެންމީހާ މޫނުގައި އަތް އަޅާ ފަހަތަށް އެނބުރޭތަން ވެސް ފެނެ އެވެ.

އެއާއެކު ކޯލްޑްޕްލޭގެ މެންބަރު ކްރިސް މާޓިން ވަނީ ސަމާސާ ރާގެއްގައި އެމީހުން ސިއްރު ލޯބީގެ ގުޅުމެއް އޮންނަނީ ކަމަށާއި، ނޫނީ އެމީހުން ލަދު ގަންނަނީ ކަމަށް ބުނެފަ އެވެ.

މި ދެމީހުންނަކީ ކައިވެނިކޮށްގެން ތިބި ދެ މީހުންކަމަށްވާއިރު، މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިގައި ހިފިއިރު، ގިނަ ބަޔަކު އަންނަނީ އެކަމަށް ޖޯކު ޖަހާ މީމްސް ހަދަމުންނެވެ.

މިކަމާ ގުޅިގެން އެސްޓްރޮނޮމާގެ ސީއީއޯގެ މަގާމުން އޭންޑީ ބައިރަން ސަސްޕެންޑްކޮށް، ވަގުތީ ސީއީއޯއަކަށް އެ ކުންފުނީގެ ކޯފައުންޑާ އަދި ޗީފް ޕްރޮޑަކްޓް އޮފިސާ ޕީޓް ޑިޖޯއީ ވަނީ އައްޔަނުކޮށްފަ އެވެ.

މިކަމާ ގުޅިގެން އަދި އަންހެން މީހާއަށް ފިޔަވަޅު އެޅިކަން ސާފުވެފައިނުވާއިރު، ދެ މީހުންގެ ފަރާތުން މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.