ޕާ ރަންޖިތުގެ ވެއްޓުވަމްގެ ޝޫޓިންގެ ތެރެއިން އެސްއެމް ރާޖޫ ކިޔާ ސްޓަންޓު ޖައްސާ މީހަކު މަރުވުމާއި ގުޅިގެން ބޮލީވުޑްގައި މަސައްކަތް ކުރާ 650 ސްޓަންޓު މަނުންނަށް އަކްޝޭ ކުމާރު އިންސުއަރެންސް ހަމަޖައްސައިދިނުމަށް ނިންމައިފި އެވެ.

ސްޓަންޓުމޭން ރާޖޫ މަރުވީ މި މަހުގެ 13 ވަނަ ދުވަހު ފިލްމުގެ ޝޫޓިންގައި ޖިޕެއްގައި ސްޓަންޓެއް ޖެއްސުމުގެ ތެރޭގައި ބޮލަށް އަނިޔާވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަކްޝޭގެ މި ދީލަތި އެހީތެރިކަމާއެކު އެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ގިނަ ބަޔަކު ދަނީ އަކްޝޭއަށް ޝުކުރު އަދާކުރަމުންނެވެ. ކޭޝްލެސް ބޭސްފަރުވާއާއެކު އަކްޝޭ ހަމަޖައްސައިދިން އިންސުއަރެންސް އިން ފަސްލައްކަ ރުޕީސްއާ ހަމައަށް ކަވާކުރާކަމަށް ވެއެވެ.

އަކްޝޭ އަމިއްލައަށް މި ހަރަދު ކޮށްދޭން ނިންމި ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ބޮލީވުޑުން މިފަދަ މަސައްކަތް ތެރިންނަށް އިންސުއަރެންސް ހަމަޖައްސާ ނުދީ އޮތުމުން ފާޑު ކިޔަމުންނެވެ.

އެސްއެމް ރާޖޫގެ މަރާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު އާއި ޓީމާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި ޕާ ރަންޖިތު އާއި ނީލަމް ޕްރޮޑަކްޝަންގެ ރާޖްކަމަލް އަދި ސްޓަންޓް އާޓިސްޓް ވިނޯތުގެ އިތުރުން ސްޓަންޓު ޖެއްސި ކާރުގެ ވެރިޔާވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ޕާ ރަންޖިތު މިކަމާއި ގުޅިގެން ބުނީ ސްޓަންޓްގެ ކުރިން ހުރިހާ ޕްރޮޓޮކޯލް ފޮލޯ ކޮށްފައިވާނެ ކަމަށެވެ.