ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ފަރާ ޚާން އޭނާގެ ކައްކާ ދިލިޕް ގޮވައިގެން ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

ފަރާގެ ގޭގައި ކައްކަން އުޅޭ ދިލިޕްއާއެކު ފަރާ އަބަދުވެސް ވުލޮގް ހަދަ އެވެ. އަދި އެކި ފަންނާނުންގެ ގެއަށް ދިލިޕް ގޮވައިގެން ގޮސް ކެއުމާއި ގުޅޭ ބައެއް ވިޑިއޯ ހަދާފައިހުރެ އެވެ. މި އާއެކު ފަރާގެ ކައްކާ ދިލިޕްއަކީ ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ މީހެކެވެ.

އެންމެފަހުން ފަރާ ދިލިޕްއާއެކު ހެދި ވުލޮގްގައި ވަނީ އެކްޓަރު ސޯނޫ ސުއޫދުގެ ގެއަށް ގޮސްފަ އެވެ. އެގޭގައި ގެނެސްދިން ވުލޮގްގައި ދިލިޕް ގޮވައިގެން ރާއްޖެ އަންނަން ނިންމާފައިވާ ކަން ފަރާ ވަނީ ހާމަކޮށްފަ އެވެ. ދިލިޕް ބުނީ މިހާރު ޕާސްޕޯޓުވެސް ހަދާފައިވާ ކަމަށެވެ.

ވަރަށް މަޖާކޮށް ފަރާ އާއި ދިލިޕް ގެނެސްދޭ މި ވުލޮގްތައް ގިނަ ބަޔަކު ބަލަ އެވެ.