މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވިލާގަނޑުގައި 50 މޭލަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދާވާނެ ކަމަށް ލަފާކޮށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރު ކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފަ އެވެ.

ރީނދޫ ސަމާލު ނެރެފަައި ވަނީ މިއަދު މެންދުރު 1:30 ފެށިގެން ހަވީރު 5:30 އާ ހަމައަށެވެ. ކުރިން ސަމާލު ނެރެފައި ވަނީ މެންދުރު ފަހު 3:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އެ އިދާރާއިން ބުނީ މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދުދީފަ އެވެ.

ފަތިހުން ފެށިގެން ހުޅުމާލެއަށް އައި ވިލާގަނޑުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ރޭ ފަތިހުން ފެށިގެން ހެދުނާއެކު ހުޅުމާލެއަށް އައި ވިލާގަނޑުގައި 52 މޭލު ބާރުމިނުގައި ވައި ޖެހުނެވެ.

ފަތިހު ވައިގަދަވި ވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ ހާދިސާތައް ހިނގައިފަ އެވެ. އެގޮތުން ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީ ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ސައިކަލުތަކުގެ މައްޗަށް ވެއްޓިފަ އެވެ. އެ ތަނުގައި ހުރި ހައެއްކަ ސައިކަލަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށްވެ އެވެ. އަދި އެ މަގުގެ، މޭރީ ބްރައުން ކައިރި ހުރި އިތުރު ގަހެއްގެ ބޮޑު އޮފިގަނޑެއް ވެސް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ.