ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނީ މިދުވަސްވަރު މޫސުން އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށް ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ވަނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފަ އެވެ. ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:30 އާ ހަމަޔަށެވެ.
މީގެ އިތުރުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފަ އެވެ. ލ. އަތޮޅުން ފެށިގެން އައްޑުއަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 11:00 އާ ހަަމައަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އެގޮތުން މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ ލ. ކައްދޫއަށެވެ. ކައްދޫއަށް 17.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ފީފަ އެވެ.