މޫސުން ގޯސްވެ، އުދައަރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި މިވަނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 6:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މި ވަގުތުގެ ތެރޭގައި މުޅި ރާއްޖެއަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، އެ އޮފީހުން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކޮށް ގުގުރުން އެކަށީގެންވާކަމަށެވެ.

މިގޮތުން ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަން ފާހަގަކުރަމުން އެއޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މިއާއެކު ދެކުނުގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 2 ފޫޓާއި 4 ފޫޓާ ދެމެދު ހުންނާނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިނުގައި 4 ފޫޓާއި 6 ފޫޓާ ދެމެދު ހުންނާނެ ކަމަށް އެއިދާރާއިން ލަފާ ކުރެ އެވެ.

އެހެންކަމުން މޫސުމާ ބެހޭ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.