ކުރިއަށް އޮތް ހަތަރު ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް ހަތަރު ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައި ބާރުވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މީގެ އިތުރުން، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކަނޑުތައް ގަދަވާނެ ކަމަށް އެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މި ދުވަސްތަކުގެ ތެރެއިން އެންމެ ބޯކޮށް ވާރޭވެހި ވައިގަދަވާނީ މިމަހުގެ 18، 19 އަދި 20 ވަނަ ދުވަހު ކަމަށެވެ.
އެ އިދާރާއިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މޫސުން ރަނގަޅު ވާނީ ޖުލައި 20ވާ އާދިއްތަ ދުވަހުގެ ފަހުން ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް އަދި ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމާއެކު، މޫސުމާމެދު ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.