ދަރިންގެ ހަރަދު ނުދައްކާ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް މިއަދު އާއްމުކޮށްފި އެވެ.

ފެމިލީ ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ އެ ފިރިހެން މީހާގެ ފޮޓޯ އާއްމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެއީ ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.

އެހެން ނަމަވެސް ހަރަދު ނުދޭ އެންމެންގެ ފޮޓޯ މިގޮތަށް އާންމު ކުރަން ނިންމިކަމެއް ސާފެއް ނުވެ އެވެ.

ދަރިންގެ ހަރަދު ނުދޭ މީހުންގެ މައުލޫމާތު އާންމުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު ޅ. ހިންނަވަރު ކޯޓުންނެވެ. އަދި ހދ. ކުޅުދުއްފުށީ ކޯޓުން ވެސް ވަނީ އެފަދަ މީހުންގެ މައުލޫމާތު އާންމުކުރި އެވެ. ނަމަވެސް އޭރު އެ މީހުންގެ ފޮޓޯ އާންމެއް ނުކުރެ އެވެ.

އެފަދަ މީހުންގެ ވަނަވަރު އާންމުކުރަން 2018 ވަނަ އަހަރު ފެމިލީ ކޯޓުން ނިންމި ނަމަވެސް މިހާތަނަށް އެކަން އޮތީ ތަންފީޒު ނުކޮށެވެ.