ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތްކުރި އާ ޓާމިނަލް ރީތިވާނީ ދަރަނީގެ ދަންތުރައިން ސަލާމަތްވާނެ މަގު ފެންނަ ނަމަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންކްރީޓް، ބިއްލޫރި އަދި ޕްލާސްޓިކްގެ އަވައިގައި ޖެހި، އެއީ ތަރައްގީ ކަމަށް ދެކޭ ނަމަ އެއީ ހަނި ވިސްނުމެއް ކަމަށެވެ.

"ވަޅި ރީތީ ތޫނުކަމަށް" ބުނާ މިސާލުގައިވާ ފަދައިން ވީއައިއޭގެ އާ ޓާމިނަލް ވެސް ރީތިވާނީ އާ ޓާމިނަލުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ވަރު އިތުރުވާ މިންވަރާއި، އިގްތިސާދު ކުރިއަރާ، ދައުލަތުގެ އާމްދަނީ އިތުރުވެ، ދަރަނީގެ ދަންތުރައިން ސަލާމަތްވެވޭނަމަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަަދައިން ކަންކަން ވާނަމަ އާ ޓާމިނަލް ވަރަށް ރީތި ކަމަށެވެ.

މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެފައިވާ ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަސައްކަތެކެވެ.

އެއަށް ފަހު އައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މި ޓާމިނަލް 2022 ވަނަ އަހަރު ނިންމަން އަމާޒު ކުރި ނަމަވެސް، މި މަޝްރޫއު އެއްކޮށް ނިމިފައި މިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނައިރު، މިއީ ޒަމާނީ ވަސީލަތްތަކާ އެކު ބިނާ ކުރެވިފައިވާ ޓާމިނަލެކެވެ. މިގޮތުން 2 ފަންގިފިލާއަށް ހަދާފައިވާ މި ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖުތަކާއި ބެޖޭޖް ހޭންޑްލިން ސިސްޓަމްތަކާއި، އެފްއެންބީ އައުޓްލެޓްތަކުގެ އިިތުރުން ލޯންޖުތަކާއި އެހެނިހެން ހިދުމަތްތައް ލިބެން ހުންނާނެ އެވެ.