މަޝްހޫރު ލަވަކިޔުން ތެރިޔާ އަދި ބަތަލާ ސެލީނާ ގޮމޭޒް އާއި ބެނީ ބްލެންކޯ އަންނަ ސެޕްޓެމްބަރު މަހު ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.

މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެމީހުންގެ އެންގޭޖްމަންޓް އިއުލާންކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ސެލީނާ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ އަގުބޮޑު ޑައިމަންޑް ރިންގް ދައްކާލާފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމީހުންގެ ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކެލިފޯނިއާގަ އެވެ. ހަމައެކަނި ގާތް މީހުނަށް ބާއްވާ މި ހަފްލާގައި ޓޭލާ ސްވިފްޓް އަދި ޓްރަވިސް ބައިވެރިވާނެ ކަމަށްވެ އެވެ. ކައިވެނީގެ ހަފްލާ ރާވާފައިވަނީ ދެ ދުވަހަށް ދެމިގެން ދާގޮތަށެވެ.

ބެނީ ބްލެންކޯ އަކީ އެމެރިކާގެ މަޝްހޫރު ރިކޯޑް ޕްރޮޑިއުސަރެކެވެ. އަދި އޭނާ ލަވަވެސް ލިޔެ އެވެ. ސެލީނާ އާއި ބެނީގެ ކައިވަނީގެ ތައްޔާރީތައް ކުރިއަށްދާއިރު، ޕާޓީއަށް ދައުވަތު ދީފައިވަނީ ކޮން ބަޔަކަށްކަން މިހާތަނަށް ހާމައެއް ނުކުރެ އެވެ.