ދިރާގުޕޭގެ އައު ޕްލެޓްފޯމް ޑައުންލޯޑުކޮށް، ރަޖިސްޓަރީކޮށްގެން އައިފޯން 16 އެއް ހޯދުމުގެ ފުރުސަތު ދިރާގު ފިންޓެކްއިން ހުޅުވައިލައިފި އެވެ.
މިކަމާ ގުޅޭގޮތުން ދިރާގުން ބުނީ، މިއީ ދިރާގުޕޭގެ އައު ޕްލެޓްފޯމަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެއްކަމަށާއި، މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫން އިން 30 ޖުލައި 2025ގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް މި އަގުހުރި އިނާމު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއަރ-ޓު-ޕިއަރ ޓްރާންސްފަރ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ހިމެނޭއިރު، ދިރާގުން ބުނީ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނާ ހަމައަށް ހާއްސަ އިނާމުތައް ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކޮށް، ފައިސާގެ މުއާމަލާތުތައް ކުރުމަށް ކަސްޓަމަރުންނަށް ރައްކާތެރި، ހަލުއި އަދި ފަސޭހަ މަގެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ދިރާގު ފިންޓެކްއިން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.
ދިރާގު ފިންޓެކް އަކީ، ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.