އިންޑިއާގެ ޓީވީ ޑްރާމާތަކުން މަގްބޫލުކަން ލިބިފައިވާ ތަރި ކުޝާލް ޓަންޑަންގެ ގެއަށް ފޭނަކު ވަނުމުން އެކަން ކުށްވެރިކޮށްފި އެވެ.

"ބަރްސާތޭ – މޯސަމް ޕިޔާރް ކާ"ގެ ލީޑް ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޓީވީ އެކްޓަރު ކުޝާލްގެ ގެއަށް ހުއްދަނެތި ސަޕޯޓަރަކު ވަނުމާ ގުޅިގެން އޭނާވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ހިއްސާކޮށްފަ އެވެ.

އިންސްޓަގްރާމުގެ ސްޓޯރީގައި މިކަމާ ގުޅިގެން އޭނާ ހިއްސާކުރި ޕޯސްޓްގައި ބުނީ ފޭނުންގެ ލޯތްބާއި ސަޕޯޓް ބަލައިގަންނަ ކަމަށާއި ނަމަވެސް އޭނާގެ ޕްރައިވެސީއާ ޕާސަނަލް ލައިފަށް ހުރަސްއެޅޭ ފަދަ އަމަލުތައް ނުކުރުމަށް އެދޭ ކަމަށެވެ.

ކުޝާލް ބުނީ އޭނާގެ ގެއަށް ފޭނަކު ވަނީ އޭނާ ގޭގައި ނޫޅޭ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އޭނާގެ މައިބަފައިން ވެސް އޭނާއާއެކު ދިރިއުޅޭ ކަމަށާއި އެހެންކަމުން، އެފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ކުޝާލް އެންމެ ފަހުން ފެނިގެން ދިޔަ ބަރްސާތެންގެ ލީޑް ރޯލް ކުޅުނު ޝިވާންގީ ޖޯޝީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ވެސް މީގެ ކުރިން ފެތުރުނެވެ. އަދި އެކަން ކުޝާލް ވަނީ ރަސްމީކޮށް ހާމަވެސް ކޮށްފަ އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ގުޅުން ވަނީ ނިމުމަކަށް އައިސްފަ އެވެ.

ކުޝާލްވަނީ "ބޭހަދު"، "އެކް ހަޒާރޯމެ މޭރީ ބެހެނާހެއި" ފަދަ ޑްރާމާތަކުން ފެނިގެން ގޮސްފަ އެވެ.