މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ މާލެ ސަރަހައްދުގައި 1101 އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ އެކްސިޑެންޓްތައް ހިނގާފައި ވަނީ މާލެ އާއި ސިނަމާލެ ބްރިޖްގެ އިތުރުން ބްރިޖް ހައިވޭގަ އެވެ. އޭގެތެރެއިން 61 އެކްސިޑެންޓްގައި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ކޮންމެ މަހަކު ވެސް 150 އާއި 200އާ ދެމެދުގެ އަދަދަކަށް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގައިފައިވެއެވެ.

  • ޖެނުއަރީ: 151 އެކްސިޑެންޓް
  • ފެބްރުވަރީ: 215 އެކްސިޑެންޓް
  • މާޗް: 187 އެކްސިޑެންޓް
  • އޭޕްރިލް: 161 އެކްސިޑެންޓް
  • މެއި: 207 އެކްސިޑެންޓް
  • ޖޫން: 180 އެކްސިޑެންޓް

މީގެއިތުރުން 1040 އެކްސިޑެންޓްގައި އެކި މީހުންނަށް ސީރިއަސް ނޫން އަނިޔާތަކެއް ލިބިފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގިނަ އެކްސިޑެންޓުތައް ހިނގައިފައިވަނީ ދުވާލެވެ. އެގޮތުން 356 އެކްސިޑެންޓް (32 ޕަސެންޓް) ހިނގީ ރޭގަނޑެވެ. އަދި 745 އެކްސިޑެންޓު (68 ޕަސެންޓް) ހިނގައިފައިވަނީ ދުވާލެވެ.

އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ ސައިކަލައި ކަރާއި ޖެހި ކަމަށް ވެސް ފުލުހުން ބުންޏެވެ.

  • ސައިކަލާއި ކާރު ޖެހުން: 295 އެކްސިޑެންޓް
  • ސައިކަލާއި ސައިކަލު ޖެހުން: 267 އެކްސިޑެންޓް
  • މީހެއް ނުވަތަ އުޅަނދެއްގައި ޖެހުމުން މަޑުނުކޮށް ދިޔުން: 91 އެކްސިޑެންޓް
  • ކާރަކާއި ކާރެއް ޖެހުން: 89 އެކްސިޑެންޓް
  • ސައިކަލަކާއި ޕިކަޕެއް ޖެހުން: 59 އެކްސިޑެންޓް

އެފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް މަގުތައް ބޭނުންކުރާ އެންމެހައި ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.