އަދިވެސް މޫސުން ގޯސްކަމަށާއި، މިއަދު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށާއި، ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
މިއާއެކު އެއިދާރާއިން ބުނީ، ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަން ފާހަގަކޮށް މޫސުމާ ބެހޭ އިދާރާއިން ބުނީ ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓާ ދެމެދު ހުންނާނެ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.