އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރީއޯގަނައިޒޭޝަން ސިޔާސަތުގެ ދަށުން އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ 1،300 އަށްވުރެ ގިނަ މުއައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

މި ފިޔަވަޅާ ގުޅިގެން އެމެރިކާގެ ލިޑާޝިޕާއި ބޭރުން އަންނަ އިންޒާރުތަކަށް ކުރިމަތިލާން އުދަނގުވާނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައިވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ 1،107 ސިވިލް ސާވެންޓުންނަށާއި، 246 ފޮރިން ސާވިސް އޮފިސަރުންނަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ފޮނުވާފަ އެވެ.

ވަޒީފާއިން ވަކިކުރި މުއައްޒަފުންނަށް ފޮނުވި ލިޔުމުގައިވާ ގޮތުން އެ މުއައްޒަފުންނަށް ޑިޕާޓްމަންޓްގެ ހެޑްކުއާޓަރުން ދީފައިވާ މެއިލް އާއި ޑްރައިވް އަށް ހުކުރުދުވަހުގެ ހަވީރު 5 ގެ ފަހުން ނުވަދެވޭނެ އެވެ.

ވަޒީފާއިން ވަކިކުރި މުއައްޒަފުން އެމީހުންގެ ތަކެތި ހިފައިގެން އިމާރާތުން ނުކުތުމުން އެމީހުންނާއެކު ކުރިން މަސައްކަތްކުރި މީހުންނާއި، އެމްބެސިޑަރުންނާއި، ކޮންގްރެސްގެ މެންބަރުން ވަނީ އެމީހުން ކުރި މަސައްކަތަށް ޝުކުރު އަދާކުރުމުގެ ގޮތުން އިމާރާތުގެ ބޭރުގައި އަޑުއުފުލާފަ އެވެ.

މިކަމާ ގުޅިގެން އިރާގާއި އަފްގާނިސްތާނާ އެކު މަސައްކަތްކުރުމަށްފަހު 2011 ވަނަ އަހަރު ސްޓޭޓް ޑިޕާޓްމަންޓުން ރިޓަޔާވި އޭން ބޮންޑައިން ވިދާޅުވީ ޔުނިފޯމު ލައިގެން ތިބޭ މިލިޓަރީ އޮފިސަރުން ހުވާ ކުރާހެން ފޮރިން ސާވިސް އޮފިސަރުންވެސް ހުވާ ކުރާ ކަމަށާއި، އެމެރިކާ އަށް ހިދުމަތް ކުރުމުގައި ދެމި ތިބި މީހުންނާ މެދު އަމަލު ކުރަން ޖެހޭ ގޮތަކީ މިއީ ނޫންކަމަށެވެ.

އެމެރިކާގެ ޑިޕްލޮމެސީ ބަދަލުކުރުކުމުގެ ގޮތުން ޓްރަމްޕް ގެންނަން ނިންމެވި މި ބަދަލުގެ ތެރޭގައި ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާއި އެޑިއުކޭޝަން ޑިޕާޓްމަންޓުން ވެސް މުއައްޒަފުން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ.