ކުޑަކުދިންގެ އިތުރުން ބޮޑުމީހުންގެ މެދުގައި ވެސް މަގުބޫލު ކާޓޫނެއް ކަމަށްވާ ސްޕޮންޖްބޮބް ސްކުއާޕޭންޓްސްގެ ލައިވް އެނިމޭޝަން ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލައިފި އެވެ.

ޕެރެމައުންޓް އެނިމޭޝަންއާއި ނިކަލޯޑިއަން މޫވީސް އަދި ޑޮމެއިން އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ "ސްޕޮންޖްބޮބް މޫވީ: ސާޗް ފޯ ދަ ސްކުއާޕޭންޓްސް"ގެ ޓީޒާއިން ވެސް ޝައުގުވެރި އެތައް ކަމެއް ފެނެ އެވެ.

އެގޮތުން އެ ކާޓޫނުގެ ކެރެކްޓަރެއް ކަމަށްވާ މިސްޓަ ކްރޭބްސްއަށް ސްޕޮންޖްބޮބްގެ ގާބިލިއްޔަތުކަން ދައްކައިދޭން އޭނާއާއި އޭނާގެ އެކުވެރިން ކުރާ ދަތުރެއް އެ ޓީޒާއިން ފެނެ އެވެ.

https://www.youtube.com/watch?v=KKRyymFzaSk

އެ ދަތުރުގައި ކަނޑުއަޑީގެ ވިލަންއެއް ކަމަށްވާ "ދަ ފްލައިން ޑަޗްމޭން"އާ އެ އެކުވެރިން ކުރިމަތިލަ އެވެ. ފްލައިން ޑަޗްމޭންއަކީ ސްޕޮންޖްބޮބް ކާޓޫނުގައި ވެސް އެކި ފަހަރު މަތިން ފެނިފައިވާ ކެރެކްޓަރެކެވެ.

ފިލްމުގެ ޓީޒާ އާއްމު ކުރަމުން ނިކަލޯޑިއަން އިން ކުރި ޕޯސްޓްގައި ބުނެފައިވަނީ ސްޕޮންޖްބޮބްއާއި އޭނާގެ އެކުވެރިން ފުން ކަނޑުގެ "އެޑްވެންޗާ"އަކަށް ތައްޔާރުވެފައިވާ ކަމަށެވެ.

ޑެރެކް ޑްރައިމަން ޑައިރެކްޓްކުރާ އެ ފިލްމުގެ ވޮއިސް ކާސްޓުންގެ ތެރޭގައި ޓޮމް ކެނީ، ކްލޭންސީ ބްރައުން، ރޮޖާ ބަމްޕަސް އަދި ކެރޮލީން ލޯރެންސް ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ މިއަހަރުގެ ކްރިސްމަސްއާ ގުޅުވައިގެން ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ހަބަރުތައް ބުނެ އެވެ.