1. އާޓްސްއަށް ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟
ޖަވާބު: ކުރެހުމަކީ ވަރަށް ކުޑައިރުއްސުރެ ފެށިގެން ކުރާހިތްވާ ކަމެއް. ގޭތެރޭގަ ބޭބެމެންނާއި ދައްތަމެން ކުރަހާ އެއްޗެހި ފެނިފަ އަސްލު ކުރެހުމަށް ޝައުގުވެރިވީ
2. އެންމެ ކުރަހާ ހިތްވަނީ ކޮންކަހަލަ ކުރެހުންތަކެއް؟
ޖަވާބު: ގަޔާވާ ބައިވަރު ކުރެހުމުގެ ސްޓައިލްތައް ހުރޭ. އޭގެ ތެރޭގައި ފަންސޫރު ކުރެހުން، އެކްރިލިކްސް ކުރެހުން، ޗާކޯލް ކުރެހުން، ސޭންޑް އާޓް، ސެރަމިކް އާޓް އަދި ރެއިޒިން އާޓް ހިމެނޭ. މީގެ ތެރެއިން ވެސް ހައިޕަ ރިއަލިސްޓިކް ޕޯޓްރެއިޓްއާއި ޖަނަވާރުންގެ ރީތިކަން ދައްކައިދޭ ކުރެހުންތައް ވަރަށް ކުރަހާ ހިތްވޭ.
3. ކުރެހުންތަކަށް އިންސްޕިރޭޝަން ހޯދަނީ ކިހިނެއް؟
ޖަވާބު: ކުރަހަން އެންމެ އުނދަގޫވާނެ ހެން ހީވާ މަންޒަރުތައް ހިތަށް ގެނެސް އެއާމެދު ވިސްނައިގެން އޭގެ ރީތިކަން އެއަށްވުރެ ވެސް އިތުރުވާ ގޮތަށް ކުރަހަން ސަމާލުކަން ދީގެން.
4. ކުރަހާއިރު އެންމެ ސަމާލުކަން ދެނީ ކޮން ކަމަކަށް؟
ޖަވާބު: ކުރަހާ އެއްޗެއް ބަހައްޓާފަ ހުންނަނީ ކޮންތާކުތޯ، އެއަށް އަލި އެޅިފައި ހުންނަނީ ކިހިނެއްތޯ ވަރަށް ވިސްނަން. އަދި އެ އެއްޗެއްގެ ހަގީގީ އަސްލު ކުލަ ކުރެހުމަށް ގެންނަން ވެސް ބޮޑު ސަމާލުކަމެއް ދެން. ކުރެހުމުގެ ކުދި ކުދި ޑީޓެއިލްތަކަކީ އޭގެ ފުރިހަމަކަން އިތުރު ކޮށްދޭ ކަމެއް.
5. މިހާރު ކުރަމުން ދާ މަސައްކަތްތައް ކުޑަކޮށް ކިޔައިދީފާނަންތަ؟
ޖަވާބު: މިހާރު މަސައްކަތް ކުރަނީ ކުރަހާ ސްޓޫޑިއޯސްއާ އެކީގައި. އެއީ ދިވެހިންނަށް އާޓްސްގެ ފުރުސަތުތައް މަގުފަހި ކޮށްދޭ ސްޓޫޑިއޯއެއް. އެގޮތުން ކުރެހުމާއި ކުލަ ޖެއްސުން އަދި ޓީޝާޓް ޕްރިންޓިންގެ އިތުރުން ވެސް ސެރަމިކް އާޓް، ކޮފީ އާޓް ފަދަ ހުނަރުތައް ދަސްކުރެވޭނެ. ސްޓޫޑިއޯގެ ކްލާސްތައް ކޮންމެ ދުވަހަކު އޮންނާނެ، ކޮންމެ މީހަކަށް ވެސް ބައިވެރި ވެވޭނެ.
6. މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަޖެހޭ މަސައްކަތަކީ ކޮބާ؟
ޖަވާބު: މާމަގެ ކުރެހުން. އުމުރުން 17 އަހަރުގައި ޗާކޯލް ބޭނުން ކޮށްގެން ކުރެހި އެ ކުރެހުން ނިންމާލަން ދެ މަސް ހޭދަވި. ދުވާލަކު 8-6 ގަޑިއިރު ހޭދަވި. އެ ކުރެހުމަކީ 2020 ވަނަ އަހަރުގެ "އަންވެއިލިން ވިޝަންސް" މައުރަޒުގެ ކުރެހުމުގެ ބައިން އެއްވަނަ ހޯދި ކުރެހުން. ކުރެހުން ވިއްކާލީ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނަރަށް.
7. މި ދާއިރާއިން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮބާ؟
ޖަވާބު: އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކެނީ މީހުންގެ ފާޑުކިޔުން. މި ދާއިރާއިން ކުރިއަށް ދާން ނިންމި ހިސާބުން ވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި. މިއީ އެއްވެސް ކުރިމަގެއް އޮތް ކަމެއް ނޫން ކަމަށް ވެސް ބުނި. އެ ފާޑުކިޔުންތަކާއެކު ވެސް މިހާ ހިސާބަށް އާދެވުމަކީ ލިބުނު އެންމެ ބޮޑު ކާމިޔާބީ.
8. މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް ދޭނެ މެސެޖަކީ ކޮބާ؟
ޖަވާބު: މި ދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ މީހުންގެ ފާޑުކިޔުންތަކަށް ނުވިސްނުމަކީ މުހިއްމު ކަމެއް. އެހެން މީހުންނާ ވާދަ ކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސަށްވުރެ ކުރިއަރައި ދާން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް. އެއާއެކު އެހެން އާޓިސްޓުންގެ ފަރާތުން ދަސްކުރެވެން އޮތް އެއްޗެއް ދަސްކުރަން ވެސް ވާނެ.
9. މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ކޮބާ؟
ޖަވާބު: އެންމެ ދެކެން ބޭނުންވަނީ އަޅުގަނޑުގެ މަސައްކަތްތައް ބައިނަލްއަގްވާމީ ފެންވަރުގައި ދައްކާލެވޭނެ ދުވަހެއް. ރާއްޖެއިން ބޭރުގެ ގެލަރީއެއްގައި އަޅުގަނޑު ހިތްހަމަޖެހޭ ވަރުގެ ކުރެހުމެއް ބެހެއްޓުމަކީ ހުވަފެނެއް. އެއާއެކު އިރާދަ ކުރެއްވިއްޔާ އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަކީ ވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް.
10. ހާއްސަ ފަރާތަކަށް ޝުކުރު އަދާކުރާ ނަމަ އެންމެ ބޮޑަށް ޝުކުރުއަދާ ކުރާނީ ކޮން ބަޔަކަށް؟
ޖަވާބު: އަމިއްލަ ނަފްސަށް. މީހުންގެ ފާޑުކިޔުންތަކާއެކު ވެސް ކުރިއަށް ދެވޭތީ އަދި މި ކަން ކުރާހިތުން ކުރެވޭތީ އަމިއްލަ ނަފްސަށް ޝުކުރުވެރިވަން. އެއާއެކު ކުރަހާ ސްޓޫޑިއޯސްއިން ދެއްވި ފުރުސަތުތަކަށް އެ ސްޓޫޑިއޯއަށާއި މި ދާއިރާއިން ކުރިއަށް ދާން އެންމެ ފުރަތަމަ މަގު ދައްކައިދިން އަހްމަދިއްޔާ ސްކޫލުގެ އޭރުގެ އިސްވެރިންނަށް ވެސް ޝުކުރު އަދާކުރަން. ދެން އާއިލާއާއި ރައްޓެހިންނަށް ވެސް.