މަގާމުން ރިޓަޔާ ކުރެއްވި ނަމަވެސް، އެޑްވައިޒަރީ މަގާމެއްގައި ހުރެގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެހީވާން ބޭނުންވެލައްވާކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ އެމަގާމާ ހަވާލުވެވަޑައިގަތީވެސް ރިޓަޔާމަންޓްގައި ހުރުމަށްފަހު ރައީސް މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށްކަމަށެވެ.
މަގާމަށް އައުމުގެ އެއް ސަބަބަކީ އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާތީ ކަމަށާއި، ކުޑަ ދުވަސްކޮޅަކަށްވެސް ކޮށްދެވޭނެ ކަންކަން ހުރިކަމަށް ޔަގީން ކުރެއްވޭތީކަމަށް މައުރޫފް ވިދާޅުވި އެވެ.
"ސެމީ ރިޓަޔަރމެންޓުގައި އަޅުގަނޑު ހުރެފައި މި އައީ. މަގާމަށް އައުމުގެ އެއް ސަބަބަކީ މިކަމުގެ މުހިންމު ކަމާއެކު އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާތީ. ރާއީސް ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާތީ. ކުޑަ ދުވަސްކޮޅަކަށްވެސް ކޮށްދެވޭނެ ކަންކަން ޔަގީންވާތީ،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު އެޗްޑީސީއަށް އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވިކަމަށާއި، އޭގެ ތެރޭގައި ހުޅުމާލޭގެ މާސްޓަރޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް އިސްކަންދީ އެކަން ހާސިލްވި ކަމަށެވެ.
"ފުލް ރިޓަޔަރމެންޓަކަށް ދިއުމެއް ނޫން. އަޅުގަނޑު ހަމަ ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒާ ނުވަތަ ކޮންމެވެސް މަގާމެއްގައި ހުންނަވަން. އެޗްޑީސީން އެއްކޮށް ދުރަށް ދިއުމެއްވެސް ނޫން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި އަދި އެޗްޑީސީ އުފެއްދިއިރުވެސް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އެޗްޑީސީގެ އެމްޑީގެ މަގާމަށް އޭނާ އައްޔަނުކުރީ، ކުރިން އެމަގާމުގައި ހުރި އިބްރާހިމް ފަޒުލް ރަޝީދު ގެ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް ފަހު އެވެ.