އަންހެނުންނާއި އަންހެން ކުދިންނަށް ފުރައްސާރަކުރާކަމުގެ ތުހުމަތުގައި އަފްގާނިސްތާނުގެ ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ދެ ލީޑަރަކު ހައްޔަރުކުރަން އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރެފި އެވެ.

އައިސީސީގެ ފަނޑިޔާރުން ބުނީ ތާލިބާނުގެ ސުޕްރީމް ލީޑަރު ހައިބަތުﷲ އަހުންޒާދާ އާއި، އުއްތަމަފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ، އެގައުމުގެ އާއްމުންގެ މެދުގައި ޖިންސީ ތަފާތުކުރުންތައް ގެންގުޅޭކަމަށް ބެލެވޭނެ ސަބަބުތައް އެބަހުރި ކަމަށެވެ.

މި މައްސަލާގައި އައިސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތާލިބާނުގެ ސަރުކާރުން އެގައުމުގެ އާބާދީއަށް ވަކި ގަވާއިދުތަކަކާއި، ހުރަސްތަކެއް ކަނޑައެޅިނަމަވެސް، ވަކިޖިންސަކަށް ވާތީ އަންހެނުންނަށް ނިސްބަތްކޮށް އެމީހުންގެ ހައްގުތަކަށާއި، މިނިވަންކަމަށް ހުރަސްއެޅޭނެ ހެން ގަވާއިދުތައް ހަދާފައިވާކަމަށެވެ.

މިގޮތުން އަފްގާނިސްތާނުގެ އަންހެނުންގެ ތައުލީމު ހާސިލްކުރުމަށާއި، އާއިލާ ބިނާކުރުމަށާއި، މިނިވަންކަމާއެކު ހަރަކާތްތެރިވެ، ޝުއޫރުފާޅުކުރުމުގެ އިތުރުން އެހެން ހައްގުތަކަށް ވެސް އަރައިގެންފައިވާކަމަށް އައިސީސީން ވަނީ ބުނެފަ އެވެ.

އައިސީސީގެ މި އަމުރަށް ރައްދުދެމުން ތާލިބާނުން ބުނީ، މިއީ ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށާއި، ޣައްޒާގައި ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުންދާއިރު، އެކަން ހުއްޓުވަން މަސައްކަތް ނުކުރާ ބައެއްގެ ހައިސިއްޔަތެއް އޮތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާ އަފްގާނިސްތާނުން ފޭބުމާއެކު އެގައުމުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުން އަންހެނުންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށީ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ 80 ޕަސެންޓް އަންހެން ކުދިން ވަނީ ތައުލީމުން މަހުރޫމްވެފަ އެވެ.

މީގެ އިތުރުންވެސް އެގައުމުގައި ހުންނަ ބިއުޓީ ސެލޫން ތައް ބަންދުކޮށް ފިރިހެނަކާ ނުލާ އަންހެނުން ޖިމަށާއި، އާއްމުން އެއްވެ އުޅޭ ޕާކުތަކަށް ދިޔުމަށާއި، ދުރުދަތުރުތައް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި މިދިޔަ އަހަރު އިއުލާނުކުރި ގާނޫނެއްގައި ވަނީ އެގައުމުގެ އަންހެނުން ޅެން ކިޔުން މަނާކޮށް އަންހެނުން ގޭގައި "ފޮރުވިގެން" ތިބުމަށް އަންގާފަ އެވެ.