މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާ، އެ އެއާޕޯޓަށް ރަސްމީކޮށް ވައިޑް ބޮޑީ މަތިންދާބޯޓުގެ ހިދުމަތް ފަށައިފި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކޯޑް އީ މަތިންދާ ބޯޓަށް ޖެއްސޭ ފެންވަރުގެ ރަންވޭ ތަރައްގީކޮށް ނިންމާ ރަސްމީކޮށް ހުޅުވުމުގެ ގޮތުން މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓު ވަނީ އެ އެއާޕޯޓަށް ޖައްސާފަ އެވެ.

މި ބޯޓަށް މަރުހަބާ ކިއުމަށް ވޯޓާ ސެލިއުޓްއެއް ވަނީ ދީފަ އެވެ.

މާފަރު އެއާޕޯޓަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސުމުން ވޯޓާ ސެލިއުޓެއް ދެނީ. ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ

މި އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސެއިޚް ރަހްމާ އަބްދުލްރަހަމާން ރަހްމާ އަބްދުލްރަހަމާން އަލް ޝަމްސީއާއި، ޑިރެކްޓަރ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ހިސް އެކްސެލެންސީ މުހައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ގެ އެހީގައި 2018 ވަނަ އަހަރި ތަރައްގީ ކުރަން ފެށި މާފަރު އެއާޕޯޓުގެ ފުރަތަމަ ފިޔަވަހި ނިންމާ އޮޕަރޭޝަނަށް ގެނެސްފައިވަނީ 2019 ވަނަ އަހަރު އެވެ. މި ފިޔަވައްސަށް އޭޑީއެފްޑީ 49 މިލިއަން ޑޮލަރު ހަރަދުކޮށް، 2200 މީޓަރުގެ ރަންވޭއަކާއި ޕަސެންޖާ ޓާމިނަލަކާއި، ވީއައިޕީ ޓާމިނަލަކާއި އެހެން ހިދުމަތްތައް ތަރައްގީކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ކޯޑް-އީ މަތިންދާ ބޯޓު ޖެއްސޭ ފެންވަރަށް، ރަންވޭ ބޮޑުކުރުމަށް ޓަކައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ، 2022ވަނަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހެވެ. މި މަސައްކަތް ވެސް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، މި ފިޔަވަހީގައި ކުރީގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް ކޯޑް-އީ މަތިންދާ ބޯޓުތައްކަމަށްވާ ބޮއިން 787، 777 އަދި އޭ330 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްގީކޮށްފަ އެވެ.