ރިޔާސީ ދައުރެއްގެ މެދުތެރެއިން ރައީސުލްޖުމްހޫރިއްޔާއަކާ މެދު ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ނަގާ ބިލެއް އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހަޅުއްވައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ބިލަށް ބަހުސްކުރައްވަމުން ފައިސަލް ވިދާޅުވީ މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައީސުލްޖުމްހޫރިއްޔާ އާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ފެންނަ ނުފެންނަ ވޯޓެއް ނަގާގޮތަށް ހިމަނަން ޖެހޭ ކަމަށެވެ.

މި ވޯޓުގައި ރައީސާމެދު ރައްޔިތުންގެ އިހުސާސް ހުރީ ކިހިނެއްތޯ އާއި ވައުދު ފުއްދާތޯ ބެލޭނެ ކަމަށާއި، މިފަދައިން އަމަލު ނުކުރާކަމަށްވާނަމަ ރައްޔިތުންނަށް ބާރު ލިބޭނެ ހެން ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ހިމަނަންވީ ދައުރުގެ މެދުން، މި އަންނަ ދައުރުން ފެށިގެން ދައުރުގެ މެދުން ރައްޔިތުން ކިހިނެއްތޯ ދެކެނީ ވެރިކަން ކުރާ ބޭފުޅާއާ ދެމެދު. ރަނގަޅަށްތޯ ކުރަނީ، ރައްޔިތުންގެ އިހުސާސް ދެނެގެންތޯ ކުރަނީ، ވައުދު ފުއްދާތޯ. ނުފުއްދާ ކަމަށްވާނަމަ ދައުރު މެދުން، ރައްޔިތުން ނުރުހޭ ކަމަށްވާނަމަ ދައުރު މެދުން ވިޔަސް އިންތިހާބެއް ބޭއްވޭނެ ގޮތަށް ބިލުގައި ހިމަނަންވީ ރައްޔިތުންނަށް ބާރު ދޭން،" ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް މި ބިލަށް ބަހުސްކުރައްވަމުން ފައިސަލް ވަނީ ރައްޔިތުންގެ ފަރާތުން ކިތަންމެ ގިނަ އަދަދެއްގެ ރައްޔިތުން ކަމަކަށް ބޭނުންވި ނަމަވެސް އެ ކަމެއްގައި ރައްޔިތުން ދެކޭ ގޮތް ބެލޭނެ ގޮތެއް ބިލުގައި ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ރައްޔިތުންނަށް ބާރު ދޭ ކަމަށް ވަންޏާ އެންމެ ފުރަތަމަ ރައްޔިތުން ބޭނުންވާ ކަމަކަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގޭނެ ނިޒާމެއް ބިލުގައި ހިމަނަން ޖެހޭކަމަށް ފައިސަލް ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ބަހުސްކުރި މި ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ވަނީ ބަޔާންކޮށްފަ އެވެ.

މިގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ކަންކަމަކީ:

1) ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި

2) ގައުމީ މުހިންމު މައްސަލަތަކުގައި

3) ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް

4) ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ

5) ރިޔާސީ ދައުރު ކަނޑައެޅުމުގެ މާއްދާ

6) ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ މާއްދާ

7) ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުމުގެ މާއްދާ

8) ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާ

9) ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް

މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހޭއިރު، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ އެވެ. އަދި އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް މި ގަރާރުތަކުން ކަނޑައެޅިދާނެ ކަމަށާއި، މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކުރުމުގެ ކުރިން ކަމަށް ވެސް ބިލުގައިވެ އެވެ.

ފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާއި، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރާއި ރައީސް ސޮއިކޮށް ނެރޭ ގަރާރާ އެކު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެމައްސަލައާ އެއްކޮޅަށް، ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހޭއިރު، އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން މި ބިލުގައި އީސީގެ މައްޗަށް ލާޒިމު ކުރެ އެވެ.