ސުލްހަގާއިމުކުރުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށްދޭ ނޮބެލް ސުލްހައިގެ އިނާމަށް އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ނަން ހުށަހަޅައިފި އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ނަތަންޔާހޫ ހިންގާ ޖަރީމާތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެމެރިކާގެ ރައީސް، ޓްރަމްޕް ގެ ނަން ހުށަހަޅާފައިވާކަން ހާމަކޮށްފައިވަނީ އޭނާ މިހާރު އެމެރިކާއަށް ކުރައްމުންދާ ދަތުރުގެ ތެރެއިން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގަ އެވެ.

ނަތަންޔާހޫ ބުނީ މެދުއިރުމަތީގެ ހަމަނުޖެހުން ހުއްޓުވުމަށް ޓްރަމްޕް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އޭނާގެ ނަން މި އިނާމަށް ހުށަހަޅާފައިވާކަން މިހާރު އެ އިނާމުދޭ ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށެވެ.

ނަތަންޔާހޫ މިފަދައިން ހާމަކުރިއިރު، ޕާކިސްތާނުން ވެސް މި އިނާމަށް ޓްރަމްޕްގެ ނަން ހުށަހަޅާފަ އެވެ.

ނޮބެލް ސުލްހައިގެ އިނާމު ޓްރަމްޕަށް ހައްގުކަމަށް ގަބޫލުކުރަނީ ދާދި ފަހުން އިންޑިއާ އާއި ޕާސްކިތާނާ ދެމެދު ހިންގާދިޔަ ހަމަނުޖެހުންތައް ހުއްޓުވުމުގައި އޭނާ އަދާކުރި ރޯލުގެ ސަބަބުން ކަމަށް އޭރު ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު އޮތް ނޮބެލް ސުލްހައިގެ އިނާމު ލިބެން ޖެހޭކަމަށް އެތައް ފަހަރަކު ވަކާލާތުކޮށްފައިވާ ޓްރަމްޕް ގެ ނަން އިއުލާނު ކުރުމާ އެކު ބޮޑެތި ފާޑުކިޔުންތަކެއް ޕާކިސްތާނުގެ ސަރުކާރަށް އަމާޒުވި އެވެ.

މިގޮތުން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް ވާގިވެރިވާ އަދި ދާދިފަހުން އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ސާބަސް ދިން މީހެއްގެ ނަން މި އިނާމަށް ހުށަހެޅުމަކީ ގައުމުގެ އިއްޒަތް ގެއްލޭ ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.