މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު މުޅި ރާއްޖެއިން ގެއްލުވައިލީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، މިނިވަން ފަނޑިޔާރުގެއެއް ނެތްކަން ސާފުވަނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އިޝާރާތުން ބާކީ ތިބިއްޔާ ތިބި މެންބަރުން، ޕާލިމެންޓަރީ ގްރޫޕެއްގެ މެންބަރުން ވެސް ވާހަކަ ދައްކަން ވެސް ފަސްޖެހޭތީ މަޖިލީހުގައި ވެސް މިނިވަންކަމެއް ނެތް ކަން ހާމަވާކަމަށެވެ.
މިހާރު ހުށަހެޅިފައިވާ އޮތް ބިލުގައި އޮތް ގޮތުން ފަނޑިޔާރުންގެ ސުލޫކާއި ފަނޑިޔާރުން އުޅެންވާ ގޮތް އެނގޭނެ ހަމައެކަނި ތަނެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަޔާންކޮށްފައިވާކަން ފާހަގަކުރައްވަމުން މެންބަރު މީކާއީލް ވިދާޅުވީ، ރާއްޖެއިން މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ނައްތާލީ މަޖިލީހުން ކަމަށާއި، ރައީސް އޮފީހާ އެ ހަވާލުކުރި ދުވަހު މި ރާއްޖެއިން މިނިވަންކަން ހިނގައްޖެ ކަމަށެވެ.
"ދިވެހިރާއްޖެއިން މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ނައްތާލީ މަޖިލީހުން. މި މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާއި، ހައްގާއި، އަމިއްލަ އިހުތިޔާރާއި މިނިވަންކަން ވެއްޔާ މޮޑެލި ދުވަހު، ރައީސް އޮފީހާ އެ ހަވާލުކުރި ދުވަހު މި ރާއްޖެއިން މިނިވަންކަން ހިނގައްޖެ، ފަނޑިޔާރުގޭގެ މިނިވަންކަން ހިނގައްޖެ،" މީކާއީލް ވިދާޅުވި އެވެ.
ތިން ފަނޑިޔާރުން ވަކިކުރެވިގެންދިޔައިރު އަދިއަދާ ހަމައަށް ވެސް މަޖިލީހަށް ވެސް، ސަރުކާރަށް ވެސް، ޖޭއެސްސީއަށް ވެސް އެފަނޑިޔާރުންގެ މައްސަލައަކީ ކޮބާކަން ބުނެ ނުދެވޭ އިރު، އަނެއްކާ ވެސް ގާނޫނަކުން ލިޔެގެން ފަނޑިޔާރުންގެ އަހުލާގާއި ސުލޫކުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށް މީކާއީލް ވިދާޅުވި އެވެ.