ނ. މާފަރުގެ އިހުތިސާސުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ރިސޯޓު ހަދަން ދޫކުރަނީ 0.41 ހެކްޓަރުގެ ފަރުމުއްޔާއެކު 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދު ކަމަށެވެ. އަދި ފަޅުގެ ސަރަހައްދުން 15 ހެކްޓަރު ހިއްކޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ ރަށުގައި ރިސޯޓު ތަރައްގީ ކުރުމުގެ އިއުލާނާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމުގެ ދެ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ. އެގޮތުން އޮގަސްޓް 18 އަދި 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން އޮންނާނެއެވެ.

މައުލޫމާތު ބައްދަލުވުންތަކުގައި ބައިވެރިވާން ބޭނުންވާ މީހުން، ކޮންމެ މައުލޫމާތު ބައްދަލުވުމެއްގެ ވެސް ބޭއްވުމުގެ އެއް ދުވަސް ކުރިން، އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، ނަމާއި ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ބީލަން ހުށަހެޅޭނީ ހަމައެކަނި ދެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅަން ބޭނުންވާ މީހުން، ބީލަން ހުށަހަޅަން ޖެހެނީ ސެޕްޓެމްބަރު 10، ގެ ހެނދުނު 10:00 ގެ ކުރިންނެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން ސެޕްޓެމްބަރު ނުވައެއްގެ ނިޔަލަށް، ރަސްމީ ބަންދު. ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ވެލާނާގެ ފަސްވަނަ ފަންގިފިލާގައި ހުންނަ އެ މިނިސްޓްރީގެ ރިސެޕްޝަނުން ބީލަން ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށް ޓްރިޒަމް މިނިސްޓްރީން ބުންޏެވެ.

ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ ފޯމު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.