ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ރަސްމާލޭގެ ނަމުން ނަންދީގެން ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރުފަޅު ހިއްކަން 600 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމައިފި އެވެ.
ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއްގައިވާގޮތުން އެ ލޯނު ނަގަނީ ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށެވެ.
އެ ލޯނު ހަމަޖެހެންދެން ވެސް ރަސްމާލެ ހިއްކާ ކޮންޓްރެކްޓަރަށް ފައިސާ ދިނުމަށް ރައީސް އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގާފަ އެވެ. އެގޮތުން ދައުލަތުގެ ޔޫޒަބަލް ރިޒާވް ނުވަތަ އިންޑިއާއިން ހަމަޖައްސައިދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުންކޮށްގެން އެ ފައިސާ ދެއްކުމަށް ރައީސް އޮފީހުން އަންގާފައިވެ އެވެ.
ލޯނު ނަގާ ގޮތުގެ ތަފްސީލް
- ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑުން 300 މިލިއަން ޑޮލަރުގެ ލޯނު
- އެމްއޭސީއެލް އިން 200 މިލިއަން ޑޮލަރުގެ ލޯނު
- އެސްޓީއޯ އިން 100 މިލިއަން ޑޮލަރުގެ ލޯނު
ރަސްމާލެ ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާއި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ.
އެ ފަޅު ހިއްކާނީ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް ކަމަށް ރައީސް މުއިއްޒު މީގެކުރިން ވިދާޅުވިޔަސް، އެމަނިކުފާނުގެ ބަހާއި އަމަލު ދިމާނުވާކަން މިވަނީ ހާމަވެފަ އެވެ.
ފުށިދިއްގަރުފަޅާއި މާލެއާ ދެމެދުގެ ދުރުމިނަށް ބަލާއިރު، ބްރިޖަކުން ގުޅާލުމަކީ ދިވެހި ދައުލަތަށް ކެރިކުޅަދާނެ ވެގެންވާ ކަމެއް ނޫނެވެ. އެކަމަށް ހީވެސް ނުކުރާހާ ބޮޑު ހަރަދެއްދާނެތީ އެވެ.
ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ބްރިޖެއް އެޅުމެއް ނޫނެވެ. ރަސްމާލެ އާއި މާލެއާ ދެމެދު އަންޑާވޯޓާ ޓަނަލްއެއް އެޅުމެވެ. އެކަމަކު މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ.