ސައުދީ އަރަބިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މިކަމަށްޓަކައި އޮތް މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފަ އެވެ.
ސައުދީގެ އައު ސަފީރުގެ ފަތްކޮޅު އެރުވުން ރައީސް މުއިއްޒު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.
އެއަށްފަހު ދެބޭފުޅުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު، ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށާއި އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުންވެސް ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން އެކަމުގެ ޝުކުރުވެސް ރައީސް މުއިއްޒު ވަނީ އަދާކުރައްވާފަ އެވެ.