އަބީޝޭކް ބައްޗަން އާއި އައިޝްވާރްޔާ ރާއީއަކީ ބޮލީވުޑްގެ އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑު ނަމަވެސް އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ވަރަށް މަދުން ނޫނީ ނުދައްކާ ދެ ތަރިންނެވެ.
އެހެން ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އަބީޝޭކް ވަނީ އައިޝްވާރްޔާ އާއި އޭނާގެ ފުރަތަމަ ބައްދަލުވުމުގެ ހަނދާންތައް އާކޮށް މިހާރު އެ ދެމަފިރިންގެ ދިރިއުޅުން އޮތް ގޮތާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ.
އަބީޝޭކް ބުނީ އޭނާ އައިޝްވާރްޔާއާ އެންމެ ފުރަތަމަ ބައްދަލުވީ ސްވިޓްޒަލޭންޑުން ކަމަށެވެ. ބައްޕަ އަމީތާބް ބައްޗަންގެ ފިލްމީ މަސައްކަތެއްގައި އެހީވުމަށް އެ ގައުމަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.
ކަން ދިމާކުރި ގޮތުން އެ ދުވަސްވަރު އަބީޝޭކްގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބޮބީ ޑިއޯލް ވެސް ދިޔައީ ހަމަ އެ ގައުމުގައި އޭނާގެ ފިލްމު "އޯރް ޕްޔާރް ހޯގަޔާ"ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގެ އަންހެން ތަރިއަކީ އައިޝްވާރްޔާ ރާއީ އެވެ.
އެގޮތުގެ މަތިން އެއްރޭ ބޮބީ އޭނާއަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިން ކަމަށާއި އައިޝްވާރްޔާއާ ސީދާ ބައްދަލުވީ އެ ކެއުމުގެ ތެރެއިން ކަމަށް އަބީޝޭކް ބުންޏެވެ.
"މިސް ވޯލްޑްގެ ދުވަސްވަރުން ފެށިގެން އޭނާއަކީ ކާކުކަން އެނގޭ. އެކަމަކު ސީދާ ބައްދަލުވީ އެ ކެއުމުގެ ތެރެއިން،" އަބީޝޭކް ބުންޏެވެ.
އަބީޝޭކް ވަނީ އައިޝްވާރްޔާ އެ މީހުންގެ 12 އަހަރުގެ ދަރިފުޅު އާރަދްޔާ ބައްޗަން ތަރުބިއްޔަތު ކުރަމުން އަންނަ ގޮތަށް ތައުރީފު ވެސް ކޮށްފަ އެވެ.
2007 ވަނަ އަހަރު ކައިވެނިކުރި އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެނީގައި ކުނިޖެހި ވަކިވާން އުޅޭކަމަށް އެތައް ފަހަރެއްގެ މަތިން އަޑުއެރި ނަމަވެސް އެ އަޑުތައް ހަގީގަތަކަށް ވެފައެއް ނުވެ އެވެ.