މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާ ރައްޓެހިވެގެން އުޅުމަކީ އުނދަގޫ ކަމެއް ކަމަށް ދޭހަވާ މޭރުމަކުން އޭނާގެ ލޯބިވެރިޔާ ޓްރެވިސް ކެލްސް ވާހަކަ ދައްކައިފި އެވެ.
"ބަސިން ވިތު ދަ ބޯއީސް" ޕޮޑްކާސްޓަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޓްރެވިސް ވަނީ ޓޭލާ ފަދަ މަޝްހޫރު ތަރިއަކާ ލޯބީގެ ގޮތުން ގުޅިގެން އުޅެން ދިމާވާ ގޮންޖެހުންތައް ކިޔައިދީފަ އެވެ.
ޓްރެވިސް ބުނީ ބައިނަލްއަގްވާމީ ފަންނާނަކާ ގުޅިގެން އުޅުމަކީ އާއްމުންނާއި މީޑިއާގެ ސަމާލުކަން ކިހާވަރަކަށް ލިބޭނެ ކަމެއްކަން މީގެ ކުރިން ނޭނގޭ ކަމަށެވެ.
އެގޮތުން ކޮންމެ ތަނަކަށް ދިޔަސް "ފަހަތުން މީޑިއާ އައުމަކީ" އެކަމުގައި އޭނާއަށް އެންމެ އުނދަގޫވާ ކަންތައް ކަމަށް ޓްރެވިސް ފާހަގަކުރި އެވެ.
ހަމައެއާއެކު ޓްރެވިސް ވަނީ އޭނާގެ ދިރިއުޅުމުގެ އެހެން ކަންކަމަށް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން 2023ގެ މާޗު މަހު އޮތް "ސަޓަޑޭ ނައިޓް ލައިވް" ހުށައެޅުމުގައި ދިމާވި ގޮންޖެހުންތައް ވެސް އޭނާ ހިއްސާކުރި އެވެ.
އެގޮތުން އޭނާއަކީ ލިޔަން ކިޔަން ނުފަރިތަ މީހަކަށް ވާއިރު އެ ޝޯގެ ޑައިލޮގްތައް ދަސް ކުރުމަކީ އުނދަގޫ ކަމަކަށްވި ކަމަށް ޓްރެވިސް ބުންޏެވެ.
އެމެރިކާ ސުޕަ ބައުލް ޓީމެއްގެ މުހިއްމު ހިއްސާއެއް ކަމަށްވާ އުމުރުން 35 އަހަރުގެ ޓްރެވިސް ޓޭލާއާ ލޯބީގެ ގޮތުން ގުޅުނީ 2023 ވަނަ އަހަރު އެވެ.