ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް މައްސަލާގައި ދައުވާލިބޭ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލައިފި އެވެ.

ކޭ ޕާކް ހަދަމުންދާ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި މަންޑޭ ހުރެ އެ ކުންފުނީގެ ފަރާތުން ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރާ މައްސަލާގައި ގިނަ އަޑުއެހުންތަކަށް ހާޒިރުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އެހެންނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ މައްސަލާގައި ބާއްވާ ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް މަންޑޭ ހާޒިރުވާން ޝަރުތުކޮށް މިއަދު ބަންދުން ދޫކޮށްލާފައިވާކަމަށާއި، ހެކިންނަށް ނުފޫޒު ފޯރުވައި ފިލާފާނެ ހާލަތެއް އޮތް ނަމަ އޭނާ އަލުން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށެވެ.

މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ. ނަމަވެސް އޭނާ ބަންދުކުރަން ކޯޓުން އަމުރެއް ނުކުރެ އެވެ.

އެ މައްސަލާގައި މަންޑޭގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.