ދާދި ފަހުން މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ވައިރަލްވި ދުބާއީގައި އުފައްދާ ފިކްސް ޑެޒާޓް ޗޮކްލެޓިއާ ބްރޭންޑްގެ "ދުބާއީ ޗޮކްލެޓް"ގެ އުފެއްދުންތައް ރާއްޖޭގެ ޖޯލި މޯލްޑިވްސް ރިސޯޓުން ވިއްކަން ފަށައިފި އެވެ.
އެ ރިސޯޓުން އިއްޔެ ފަތުރުވެރިންނަށް މި އުފެއްދުން ވިއްކަން ފެށިއިރު، އެ ރިސޯޓަށް ހާއްސަކޮށް ފިކްސްއިން ވަނީ "ޓައިމް ޓު މެންގޯ"ގެ ނަމުގައި ޗޮކްލެޓުގެ އާ ބާވަތްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. މިއާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ ދުބާއީ ޗޮކްލެޓު ޔޫއޭއީ ނޫން މި އުފެއްދުން ވިއްކާ ފުރަތަމަ ގައުމަށެވެ.
ދުބާއީ ޗޮކްލެޓު ޖޯލި މޯލްޑިވްސް ރިސޯޓުގެ އިތުރުން، އެއާޕޯޓުގައި ހުންނަ އެ ރިސޯޓުގެ ލައުންޖާއި، އައިސްކްރީމް ޝޮޕާއި ވިލާތަކުން ވެސް ލިބޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން މި ޗޮކްލެޓް ބްރޭންޑުގެ ސާރާ ހަމޫދާ ބުނީ، އެ ކުންފުނިން ބަލަނީ މީރު ރަހައިގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ތަޖުރިބާއެއް ދޭން ކަމަށާއި، ޖޯލި މޯލްޑިވްސް ފަދަ ރިސޯޓަކާ އެކު ޕާޓްނަޝިޕެއް ހެދުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.