މާމުއަކީ ގުދުރަތީ ހަކުރުގެ ބާވަތެކެވެ. ހަކުރުގެ ބާވަތްތަކަކީ އެކި ވައްތަރުގެ ޖަރާސީމު ފަސޭހައިން އާލާވާ ބާވަތްތަކެކެވެ. އެހެން ނަމަވެސް ހަކުރުން މުއްސަނދިވެފައިވާ މާމުއި ގިނަ ދުވަސްތަކެއް ވަންދެން ނުބައި ނުވެ ތާޒާކަމާއެކު ހުރެ އެވެ.

ހަކުރުގެ ގިނަ ބާވަތްތަކަކީ އާއްމުކޮށް ކުރު އުމުރެއް ލިބިގެންވާ ބާވަތްތަކެކެވެ. ކިތަންމެ ރައްކާ ކޮށްގެން ގެންގުޅުނު ނަމަވެސް އިސާހިތަކު ފޫޖަހައި ރަހައަށް ބަދަލު އާދެ އެވެ.

އެހެން ނަމަވެސް ރަނގަޅަށް ވައި ބަންދުކޮށް އާއްމު ފިނި ހޫނުމިނުގައި މާމުއި އެހާ ގިނަ ދުވަސްތަކެއް ވަންދެން ތާޒާ ކަމާއެކު ރައްކާ ކުރެވުމަކީ ސައިންސްވެރިން ވެސް އަޖާއިބުކުރުވާ ފަދަ ހަގީގަތެއް އޭގައި ވާ ކަމެކެވެ.

އާއްމުކޮށް ކާބޯތަކެތި ނުބައިވަނީ ތެތް ފިނިހޫނުމިނުގަ އެވެ. އެއާއެކު ދަށް ޕީއެޗް ލެވެލްއާއި އޮކްސިޖަންއަކީ ވެސް ކާބޯތަކެތީގެ މައްޗަށް ޖަރާސީމު ވެރިވެގަންނަން މެދުވެރި ކުރުވާ ސަބަބުތަކެވެ.

މާމުޔަކީ ވަރަށް ގިނަ ދުވަހު ރައްކާ ކޮށްފައި ބެހެއްޓޭ އެއްޗެއް

މާމުޔަށް ބަލާއިރު ފޮނިމީރު މާތަކުގެ ކަރުގަނޑުން ފޮނި ބޮއެގެން މާމުއި ކުޅަނދުރު އުފައްދާ އެއްޗެކެވެ. މާތަކުން ފޮނި ބޮއެގެން ކުޅަނދުރު ހަތައަށް ގެންދާއިރު އޭގައި އެކުލެވޭ ފެން މަދުކޮށް އެސިޑްގެ މިންވަރު އިތުރުވެ އެވެ. ނަތީޖާއަކަށްވަނީ އޭގައި ޖަރާސީމު އާލާވާން އުނދަގޫ ވުމެވެ.

އެއަށްފަހު ކުޅަނދުރު ހަތައަށް މާމުއި ޖަމާކޮށް ކުޅަނދުރުތައް އެސޮރުގެ ދެ ފިޔައިން އެއަށް ވައި ޖައްސަ އެވެ. ބޭނުމަކީ މާމުއި ކޮޅުގައި ބާކީ ފެން ހުރި ނަމަ އެ ހިއްކުމެވެ.

ރަނގަޅަށް ފައްކާ ވެފައިވާ މާމުއީގައި ފެން އެކުލެވެނީ 15 ޕަސެންޓާއި 18 ޕަސެންޓާ ދެމެދުގެ މިންވަރަކަށެވެ. މިއީ އާއްމުކޮށް އަހަރުމެންގެ މާހައުލުގައި އުޅޭ ބެކްޓީރިއާ، ފަންގަސް ފަދަ މައިކްރޯ އޯގަނިޒަމްސް އާލާވާން އުނދަގޫ ހާލަތެކެވެ.

މިއާއެކުވެސް މާމުއިގައި އެކުލެވޭ ހަކުރުގެ ސަބަބުން އެކި ކަހަލަ ޖަމާސީމު ލޯ އަޅަ އެވެ. އެހެން ނަމަވެސް ފެނުގެ މިންވަރު މަދުކަމުން އޭގައި އެއަށް ދިރިއެއް ނޫޅެވެ އެވެ.

މާމުޔަކީ ވަރަށް ގިނަ ދުވަހު ރައްކާ ކޮށްފައި ބެހެއްޓޭ އެއްޗެއް

އެހެން ކަމުން މާމުއި ފުޅިއެއް ރަނގަޅަށް ބަންދުކޮށް އެއަށް ލިބޭ އޮކްސިޖަން ހުއްޓުވައިފިނަމަ ޒަމާންތަކަކަށް ތާޒާކަމާއެކު ރައްކާ ކުރެވޭނެ އެވެ.

ކަން މިހެން އޮތް ނަމަވެސް މާމުއަކީ ދުވަހަކު ވެސް ނުބައި ނުވާނެ އެއްޗެކޭ ބުނެވޭކަށް ނެެތެވެ. އާއްމުކޮށް ކުރެވޭ ބައެއް ކަންކަމުން މާމުއިގެ އުމުރު ކުރުވެ އެވެ.

އެގޮތުން ފުޅި ހުޅުވުމާއެކު އެއަށް ވައި ވަނުމާއި ބޭނުންކޮށްފައިވާ ސަމުސާ މާމުއި ފުޅިއަށް އަލުން ލުމުގެ ސަބަބުން މާމުއިގައި ޖަރާސީމު އާލާވާން މަގުފަހިވެ އެވެ.

ކޮންމެއަކަސް މާމުއިގެ އަޖާއިބަކީ ގުދުރަތުގެ ފުރިހަަމަކަން ދައްކުވައިދޭ ކަމެކެވެ. މާމުއި ކުޅަނދުރު އެ ތައްޔާރު ކުރުމަށް ކުރާ މަސައްކަތުން ފެށިގެން އޭގެ ދިގު އުމުރަކީ ވެސް އަހަރުމެން އިންސާނުންނަށް ވިސްނާލުން ރަނގަޅު ކަންކަމެވެ.